ޚަބަރު

ރާއްޖޭގައި ޓެލެމެޑިސިންގެ ދާއިރާ ކުރިއެރުވުމުގައި ޑަބްލިއުއެޗްއޯގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި


  • ޞިއްޙީ ވަޒީރު ވަނީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލާއި ބައްދަލުކުރައްވާފައި

  • ދުންފަތާއި ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން ވަނީ ތަޢުރީފުކޮށްފައި

  • ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މި ދާއިރާ ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ފާހަގަކުރެއްވި

ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ޓެލެމެޑިސިންގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯގެ އެހީތެރިކަން ހޯދުމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިއީ ސުވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުކުރެއްވުމެކެވެ.

ޑަބްލިޔުއެޗްއޯގެ އެންމެ އިސްވެރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ޞިއްޙީ ނިޒާމު އިތުރަށް ކުރިއެރުވުމާއި ޔުނިވަރސަލް ހެލްތު ކެއަރގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޞިއްޙަތާ ބެހޭ ވަޒީރު ނާޡިމް ވަނީ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގައި ސަރުކާރުން އަހަންމިއްޔަތުކަންދެއްވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ޓެލެމެޑިސިންގެ ދާއިރާ މިހާރަށްވުރެ ފުޅާކޮށް އަތޮޅުތަކުން ލިބޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، މި ނިޒާމުގެ ތެރެއިން އީޖާދީ ޓެކްނޮލޮޖީގެ ބޭނުން މިހާރަށްވުރެ ބޮޑަށް ކުރުމަށް ކުރާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެމެޖެންސީ މެޑިކަލް ސަރވިސްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެއަރ އެމްބިއުލާންސްގެ ޚިދުމަތްވެސް ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ޞިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ވަޒީރު ވަނީ ތަފްޞީލުކޮށްދެއްވާފައެވެ.

ހަމައެހެންމެ ޞިއްޙީ ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ފަރުވާގެ ނިޒާމު ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު އެކީގައި، ދުރާލާ ބަލިތަކުން މީހުން ރައްކާތެރިކުރުމަށްޓަކާ ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ރާއްޖޭގައި އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަންކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ބައިވެރިވުމާއި އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ހޯދިދާނެ ގޮތްތަކާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް ވަނީ، ދުންފަތުގެ ނުރައްކާތެރި ވަބާއިން މުޖުތަމަޢު ދުރުހެލިކުރުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުންގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގައި އެ ޖަމްޢިއްޔާގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި ޑަބްލިއުއެޗްއޯގެ ހެލްތު ފައިނޭންސް ޓީމުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ރާއްޖޭގެ ނެޝެނަލް އެސެންޝިއަލް މެޑިސިން ލިސްޓު އެކުލަވާލުމުގައި އެ ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އޮފީހުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ޑެޓްރޮސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގައި ވަކިން ޚާއްސަކޮށް ޓެލެމެޑިސިންގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ޑިޖިޓަލް ހެލްތުގެ ދާއިރާއާއި، އިމަޖެންސީ މެޑިކަލް ސަރވިސްގެ ކަންކަން އިތުރަށް ތަރައްޤީކުރުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަޤީންކަން އެ ޖަމްޢިއްޔާގެ ފަރާތުން އަރުވަމުންނެވެ.