ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.
ވިއެޓްނާމާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ވިއެޓްނާމުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރސް ލެ ހައޮއި ޓްރަންގ އެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި އެއްބަސްވުމުގައ ދަށުން، ދެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ އޮނިގަނޑެއް ޤާއިމްކުރާނެއެވެ. ދެ ޤައުމުން ގުޅިގެން އެކުލަވާލާ އޮނިގަނޑުގެ ދަށުން، ސަރަހައްދީ، އަދި ބައިނަލްއަޤްވާމީ ގޮތުން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ކަންކަމުގައި ޤަވާއިދުން މަޝްވަރާކުރެވޭނެ މަންސައެއް ޤާއިމްކުރެވޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ބަދަހި ގުޅިގެން މަސައްކަތް ކުރުމާއި ދެ ޤައުމުގެ ދެމެދު ކުރެވޭ ރަސްމީ މުޢާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވަޒީރު ވަނީ ވިއެޓްނާމާއެކު ގުޅިގެން މަސައްކަތް ކުރާނެ ދައިރާތަކާއި ދެ ޤައުމަށް ފައިދާ ވާނެ ކަންކަން ހޯދުމަށް ގާތުން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.