ހދ. ހިރިމަރަދޫގައި އާބާދީ ކުޑަވުމުގެ ސަބަބުން ރަށަށް އެކަށީގެންވާ ތަރައްޤީ ނުލިބެއެވެ. ރަށުގައި އާބާދީގައި 500 އެއްހާ މީހުން ތިބިއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ދިރިއުޅެނީ ރަށުން ބޭރުގައެވެ. އެ ރަށުގައި މިހާރު ދިރިއުޅޭ އެންމެންގެވެސް އެދުމަކީ ރައްޔިތުންގެ ތަރައްޤީއާއި ހިތްހަމަޖެހުމަށް ރަށުގެ އާބާދީ، އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކޮށްދިނުމެވެ.
ހިރިމަރަދޫގެ ހުރިހާ ރައްޔިތުން އެއްބަސްވެ، މިދިޔަ އަހަރު ވަނީ އެ ރަށުގެ ރައްޔިތުން ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފައެވެ. ރައްޔިތުންގެ ހުށަހެޅުން ބަލައިގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކޮށްދިނުމަށް ނިންމަވާފައެވެ. އެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކުރައްވަމުން ދާއިރު ވީހާވެސް އަވަހަށް މަގުޗާޓު އެކުލަވާލައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފައެވެ.
ރަށުގައި ދިރިއުޅޭ އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫގެ ކުދިބޮޑު އެންމެން އެކަމާ ކަންބޮޑުވެއެވެ. ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ އުމުރުގެ މީހުންގެ އާބާދީ ދަނީ އިތުރުވަމުންނެވެ. ރަށުގެ އެކި ކަންކަމުގައި ބިދޭސީންނަށް ބަރޯސާވާންޖެހޭ ހާލަތަށް ރަށުގެ ކަންކަން ވަނީ ގޮސްފައެވެ. މިއީ ރަށުގައި ދިރިއުޅޭ ދޮށީ އުމުރުގެ ރައްޔިތުން އެކަމާ ނުހަނު ކަންބޮޑުވާ ކަމެކެވެ.
ރަށުގެ ރައްޔިތުން އެކި ރަށްރަށަށް ބަދަލުވެފައިވަނީ ތަޢުލީމީ ގޮތުންނާއި އިިޤްތިޞާދީގޮތުން ރަށުގައި ފުރުސަތުތައް ނެތުމުގެ ސަބަބުންނެވެ. އެ ހިޖުރަ ކުރުމުގެ ތެރޭގައި ރަށުގެ އާބާދީ ކުޑަވެ ރަށުގެ ތަރައްގީއަށްވެސް ވަނީ ހުރަސް އެޅިފައެވެ. ކުޑަ އާބާދީއެއް އޮތް ރަށަކަށް ތަރައްގީ ގެނެވޭނެ ކަމަށް، އަދި ތަރައްގީ ގެނައުމަކީ ދައުލަތަށްވެސް އޮތް ބުރައެއްކަން ހިރިމަރަދޫގެ ރައްޔިތުން ގަބޫލުކުރެއެވެ.
"އާބާދީ ކުދި ރަށްތަކުގައިވެސް ތަރައްގީގެ ހުރިހާކަމެއް ފުރިހަމަކޮށްދިނަސް ވާއެއްޗަކީ މީހުން މަދުވުމުގެ ސަބަބުން އެ ހުރިހާ ކަންކަމެއް އެހާ ރަނގަޅަކަށް އެހާ ފުރިހަމައަކަށް ކޮށްދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުނުކުރަން. އެއީ ސަރުކާރަކަށްވެސް ކުޅަދާނެ ކަމެއް ނޫން. އެއްވެސް ސަރުކާރަކަށް. ކުދި ރަށްރަށެކޭ ބޮޑު ރަށްރަށެކޭ އެއް ފެންވަރަށް އެކަންކަން ކޮށްދޭންޖެހޭނެ. އެހެން ނަމަވެސް އެއީ ސަރުކާރަށްވެސް އެހާ ފަސޭހަ ކަންކަމެއް ނޫން ދޯ." ރަށުގެ ރައްޔިތެއް ކަމަށްވާ ހަސީނާ ހުސައިން ބުންޏެވެ.
ހިރިމަރަދޫގެ ސިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު މުޙައްމަދުވެސް ގަބޫލުކުރައްވަނީ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބޭނީ އާބާދީ ބޮޑު ރަށަކަށް ބަދަލުވެގެން ކަމަށެވެ.
"ސަރުކާރުން ބޭނުންވިޔަސް ވެސް މަދު އާބާދީއެއް ދިރިއުޅޭތީ ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. ޚާއްސަކޮށް ތައުލީމާއި ސިއްޙީ ޚިދުމަތް މިއީ އެ ޚިދުމަތް ހޯދާނެ ބަޔަކު، ރަނގަޅު އާބާދީއެއް ނެތްކަމަށްވަންޏާ ސަރުކާރުން ކިތަންމެ ބޭނުންވިޔަސްވެސް އެކަން ކުރަން ގޮނެޖުންތައް ހުންނާނެ." އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.
ރަށުގެ ރައްޔިތުން ހުރިހާ ކަމެއްގައިހެންވެސް ބަރޯސާވާންޖެހެނީ ރަށާ ކައިރީގައި އޮންނަ ކުޅުދުއްފުށި ސިޓީއަށެވެ. ގެއަށް ބޭނުންވާ ޒަރޫރީ ސާމާނުތަކާއި ކެއުން ބުއިމަށް ބޭނުންވާތަކެތިވެސް ހޯދުމަށް ރަށުގެ ރައްޔިތުން ޖެހެނީ ބޮޑު ހޭދައެއް ކުރުމަށްފަހު ކުޅުދުފުއްޓަށް ދާން ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.
"ގާތްގަނޑަކަށް އެންމެ ދަށްވެގެންވެސް 1000އެއްވަރު ޚަރަދުވޭ ކުޅުދުފުއްޓަށް މިތަނުން ދަތުރުކުރަންޏާ. އެއްވެސް އެއްޗެއް މިތަނުން ލިބެން ނުންހުންނާނެ. ކުޅުދުއްފުށިން ހުރިހާ އެއްޗެއް ހޯދަންޖެހެނީ. އެންމެ ކުޑަވެގެން ސައިބޯނިކޮޅެއް ހޯދަންޖެހުނަސް ކުޅުދުއްފުށިން ހޯދަންޖެހެނީ. އެ ހުރިހާ އެއްޗެއް ކުޅުދުއްފުށިން ހޯދާތީ ވަރަށް ޚަރަދު ބޮޑު." ރަށުގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޤާސިމް ކިޔައިދިނެވެ.
އާބާދީ ކުޑަވުމުގެ ސަބަބުން ރަށުގެ ވިޔަފާރިތަކަށްވެސް އޭގެ އަސަރުކުރެއެވެ. ރަށުގައި 3 ފިހާރަ ހުންނައިރު އެވްރެޖުކޮށް ދުވާލަކަށް އާމްދަނީގެ ގޮތުގައި އެތަންތަނަށް ލިބެނީ 500 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
"މި ރަށަކީ ރީތި ތާހިރު މަޑުމައިތިރި، ހިތްގައިމު. އުޅެންފަސޭހަ މާހައުލެއް. އެހެންނަމަވެސް އެކަހަލަ ކަމަކަށް ބަލައިގެން މިރަށެއްގައި ދިރިއުޅެވޭކަށްނެތް. އަމިއްލަ ބިޒްނަސްއެއް ފެށިޔަސް ގަންނާނެ ބަޔަކު ނެތް. ކެފޭއެއް ހުޅުވިޔަސް ކުރިއަކަށް ނާރާ." ފަހީމާ އަބްދުﷲ ބުންޏެވެ.
ރަށުގެ ރައްޔިތުން އެދެނީ ވީހާވެސް އަވަހަށް ރަށުގެ އާބާދީ ބަދަލުކޮށްދިނުމަށެވެ. މީގެ ސަބަބުން އެކި ގޮތްގޮތުން ރަށުގެ ރައްޔިތުންނަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ހިރިމަރަދޫގެ ރައްޔިތުން ދެކެއެވެ.
"200 އެއްހާ މީހުން މިތިބީ. ދެން ބޭބެމެންނަކަށް ނެތް އެއްވެސް ކަހަލަ ކުރިއެރުމެއް ލިބޭކަށް. އެއްވެސް ދިރުމެއް ނެތީ ބޭބެމެންގެ. އެހެންވެ ބޭބެމެން ބޭނުންވަނީ އާބާދީ ބޮޑުތަނަކަށް ދިޔައިމަ ބޭބެމެނަށް މާތްﷲ އިރާދަކުރެއްވިއްޔާ މިހާރު މިކުރާ ހިތާމަތައް ފިލާނެ ކަމުގެ އުއްމީދުތައް އެބައޮތް ވަރަށް ބޮޑަށް." ރަށުގެ ރައްޔިތެއް ކަމަށްވާ މޫސާ އަބްދުﷲ ކިޔައިދިނެވެ.
ހިރިމަރަދޫގެ ރައްޔިތުން ވަނީ 2016 ވަނަ އަހަރުވެސް ހދ. ހަނިމާދޫއަށް އެ ރަށުގެ އާބާދީ ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ. ނަމަވެސް އެ ޕެޓިޝަނާ ގުޅިގެން އޭރުގެ ސަރުކާރުން އެދެވޭ ޖަވާބެއް ނުލިބުމުން މިދިޔަ ދައުރުގައިވެސް އެ ޕެޓިޝަނާއެކު އިތުރު ސިޓީއެއް އެ ރަށުގެ ރައްޔިތުން ވަނީ ސަރުކާރަށް ފޮނުވާފައެވެ. ކުރީ ސަރުކާރުންވެސް ރައްޔިތުންނަށް އުއްމީދުތައް ދިންނަމަވެސް އެކަން ހަޤީޤަތަކަށްނުވުމުން ރައްޔިތުން ތިބީ މާޔޫސްވެފައެވެ.
މި ސަރުކާރުން ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެކެވެ. އެ ރަށުގެ ހުރިހާ ރައްޔިތުންވެސް އެދެނީ އާބާދީ ބޮޑު ރަށަކަށް ބަދަލުވުމުން ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ހިތްހަމަޖެހޭ ދިރިއުޅުން ލިބިގެންދިއުމެވެ. އުޖާލާ މުސްތަޤުބަލަކަށް އެދިއެދި ތިބި ހިރިމަރަދޫ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ އެއީއެވެ.