ޚަބަރު

ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމުގައި އަމަލު ކުރިގޮތް ބަލަނީ


  • ކުޑަކުއްޖާ ފުލުސް އޮފިސަރަށް ހަމަލާދިން މައްސަލަވެސް ދަނީ ބަލަމުން

  • ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ކުރައްވަމުންދާ ކަމަށް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމުގައި އެ ފުލުސް އޮފިސަރު އަމަލު ކުރިގޮތް ބަލަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވަމުންދިޔަ ކުދިންތަކަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހަދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުސް އޮފިސަރަށް ކިޔަމަން ނުވުމުން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުނު ކަމަށާއި އެގޮތަށް އެދުމުން ހަމަނުޖެހުން ހިންގައި އެތަނުން ކުއްޖަކު ފުލުސް އޮފިސަރަށް ހަމަލާދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރައްވަމުންދާއިރު ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ކުރައްވަމުންދާ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.