ކުރީގެ މޯލްޑިވްސް ޝިޕިން ލައިންގެ އެޕާޓްމަންޓް ބިލްޑިންގއެއް ގޮތުގައި ބޭނުންކުރި މ. ހައުސްޕްލާޒާގައި އަލިފާން ރޯވީ އެގޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ހައުސްޕްލާޒާގޭގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 6:35 ހާއިރުއެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ފަޔަރ އެންޑް ރެސްކިއުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރުއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގިނަދުވަސް ތަކެއްވަންދެން ފަޅުތަނެއްގެ ގޮތުގައި ހުރި އިމާރާތުގައި އަލިފާން ރޯވެފައިވަނީ އެތަނުގައި ހުރި ކުނިތަކެއްގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މ. ހައުސްޕްލާޒާގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން، 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެތަނުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކުވެސް ހައްޔަރުކުރިއެވެ.