މ. ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ގެއަކުން މީހުން ބަދަލުކޮށްފިއެވެ.
ޝީ ބިލްޑިން ކުރިމަތީގައި ހުންނަ ހައުސް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:35 ހާއިރުއެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ހެނދުނު 07:47 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެންޑީއެމްއޭއިން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސް ޕްލާޒާ ކައިރީގެ ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ފެންހޮޅިތައް މަރާމާތު ކުރެވެންދެން އެ ދެ ގެއިން މީހުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެންޑީއެމްއޭއިން ވިދާޅުވި އެ ދެ ގެއިން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ ތެރޭގައި 20 ބިދޭސީން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
މ.ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ، ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތުކުރެވެންދެން 2 ގެއަކުން 55 ފަރާތަކަށް(20 ބިދޭސީން ހިމެނޭހެން) ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދެވިފައި.
— NDMA Maldives (@NDMAmv) February 9, 2025
އެމްއެންޑީއެފުން ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ފަޅުގެއެއްގެ ގޮތުގައި ހުރި ހައުސް ޕްލާޒާގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މ. ހައުސް ޕްލާޒާގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކުވެސް ހައްޔަރުކުރިއެވެ.