ޚަބަރު

ޤާސިމްގެ ޙަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގުރަފީ ނެރެފި


  • ފޮތް ނެރެދެއްވީ އެކި ވުޒާރާތަކުގެ ވަޒީރުކަންކުރެއްވި އިލްޔާސް އިބްރާހިމް

  • ފޮތް ލިޔުއްވީ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުޙައްމަދު ޖަމީލް

ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަންކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހިމްގެ ޙަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގުރަފީ ނެރެފިއެވެ.

"ޤާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް" މިނަމުގައި ލިޔެފައިވާ ފޮތް ނެރެދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަޒީރުކަމާއި ދައުލަތުގެ އިސް މަޤާމުތަކެއްފުރުއްވާފައިވާ އިލްޔާސް އިބްރާހިމެވެ.

ޤާސިމް އިބްރާހިމްގެ ބަޔޮގުރަފީ ނެރެދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިލްޔާސް އިބްރާހިމް ވިދާޅުވީ ޤާސިމް އިބްރާހިމް ފާހަގަކޮށްލެވެނީ ކަންކަމުގައި އައު ގޮތްތައް ހޯއްދަވައިގެން، ހަޔާތުގަޔާއި ކުރެއްވި ވިޔަފާރިތަކުގައި ކާމިޔާބީ ހޯއްދެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ޤައުމަށް އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގައި ޤާސިމްކުރެއްވި ބައެއް ވިޔަފާރިތައް އިލްޔާސް އިބްރާހިމް ފާހަގަކުރެއްވިއެވެ.

"ތެލާއި ސިމެންތީގެ ވިޔަފާރި ކުރެއްވި. ރިސޯޓުތައްވެސް ހުޅުއްވި. ވިލާ ގޭސް، ވިލާ ސިމެންތި، ވިލާ އެއަރ، ވިލާ ރިސޯޓްވެސް ހުޅުއްވި. ކޮންމެ ވިޔަފާރިއެއްވެސް ކުރެއްވީ ވަރަށް ބޮޑަށް ވިސްނަވައިގެން." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ޤާސިމް ވިޔަފާރިކުރެއްވީ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ މަޤުޞަދުގައި ކަމަށެވެ. އަދި ވިޔަފާރިތަކުން ލިބުނު މަންފާ އެހެން މީހުންނަށް އެހީތެރިވުމުގައި ވަރަށް ބޮޑަށް ހޭދަކުރެއްވިކަން އިލްޔާސް ފާހަގަކުރެއްވިއެވެ.

ސިޔާސީ ދާއިރާގައިވެސް ގިނަ ކާމިޔާބީތަކެއް ޙާސިލުކުރައްވާފައިވާ ޤާސިމްގެ ބަޔޮގުރަފީ ލިޔުއްވީ މަޝްހޫރު ނޫސްވެރިޔާ އަދި ބަޔޮގްރަފީ ލިޔުންތެރިޔާ މުޙައްމަދު ޖަމީލެވެ.

މި ރަސްމިއްޔާތުގައި ޤާސިމްގެ ބަޔޮގުރަފީއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ މިފޮތް އެކުލަވާލުމަށް ވަރަށް ގިނަ އިންޓަވިއުތައް ނެގި ކަމަށެވެ.

ފޮތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޖަމީލްވަނީ ޤާސިމްގެ ހަޔާތުގެ ކުރު ޚުލާސާއެއް ޙިއްސާކުރައްވާފައެވެ.

"ޤާސިމްގެ ބަޔޮގުރަފީގައި 800 އަށްވުރެ ގިނަ ޞަފްޙާ ހިމެނޭ. ޤާސިމްގެ ވާހަކައިން ލައްކަ ގިނަ ފިލާވަޅުތަކެއް ލިއްބައިދޭނެ. ޢިލްމީ ގޮތެއްގައި ވިސްނައިފިނަމަ އޭނާގެ ހަޔާތުން ރަނގަޅު ދަރުސްތަކެއް ލިބޭނެ." ޖަމީލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޤާސިމްގެ ބަޔޮގުރަފީގެ އޯޑިއޯ ބުކެއްވެސް ނެރެފައިވެއެވެ. އަދި މި ފޮތުގެ އިނގިރޭސި ތަރުޖަމާ މިހާރު ލިޔަމުންއަންނަކަން ޖަމީލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

74 އަހަރުގެ ޤާސިމް އިބްރާހިމްވަނީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައެވެ. އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ ދާއިރާއަށާއި ވިޔަފާރީގެ ދާއިރާއަށް އެކި ކުރިއެރުންތައް ހޯއްދަވައިދެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެކެވެ. ޤާސިމް ވަނީ ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި ދާޚިލީ ވަޒީރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމުވެސް ޤާސިމް ފުރުއްވިއެވެ. އަދި ގާސިމް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުންނެވެ.