އިތުބާރު ބެޓްސްމަން ސައިމް އައްޔޫބް ނެތުމަކީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ތަށި ދިފާއުކުރަން މަސައްކަތްކުރާ ޕާކިސްތާނަށް ފޫނުބެއްދޭ ވަރުގެ ހުސްކަމެއް ކަމަށް އޮސްޓްރޭލިއާއިން ބުނެފިއެވެ.
އެ ގައުމުގެ ކުރީގެ ކެޕްޓަން ރިކީ ޕޮންޓިން ބުނީ އައްޔޫބް ނެތުމުން ޕާކިސްތާނުގެ ބެޓްސްމަނުންނަށް ގިނަ މައްސަލަތައް ކުރުމަތިވާނެ ކަމަށް އޭނާ އަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ ސަބަބުން ޕާކިސްތާނު މޮޅުކޮށްދިނުމުގައި އެ ގައުމުގެ ބޯލަރުން މުހިންމު ދައުރެއް އަދާކުރަންޖެހޭނެ ކަމަށް ވެސް އޭނާ ލަފާކުރެ އެވެ.
"ސައިމް އައްޔޫބަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ ނެތި ކުޅެން ޖެހުމަކީ އެތަން ފޫބައްދަން ވަރަށް ދަތިވާނެ ކަމެއް. އެކަމަކު ޕާކިސްތާނުގެ ފާސްޓް ބޯލަރުންގެ ފެންވަރު ވަރަށް ރަނގަޅު. އެމީހުން އެހާމެ މޮޅު. މިސާލަކަށް ބުނާނަމަ ޝާހީން ޝާހް އަފްރީދީ، ނަސީމް ޝާހު ފަދަ ކުޅުންތެރިންނަކީ މި ފަހުން ކުޅުނު މުބާރާތްތަކުގައި ވަރަށް ފޯމުގައި ކުޅުނު ބައެއް. އެމީހުންނަށް މައްސަލަ ދިމާވާނީ ބެޓިން ލައިން އަޕްގައި،" ޕޮންޓިން ބުންޏެވެ.
ނަމަވެސް އޭނާ ބުނީ ޕާކިސްތާނުގެ އޯޕަނިން ބެޓްސްމަނުންނަށް ވާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިން ކަމަށްވާ ބާބަރް އަޒަމް އާއި މުހައްމަދު ރިޒްވާން މޮޅަށް ކުޅެފިނަމަ ޕާކިސްތާނަކީ ނުރައްކާތެރި ޓީމަކަށްވާނެ ކަމަށެވެ. އެކަމަކު ފަހްރުއްޒަމާނަށް މިހާރު ވަނީ އަނިޔާވެ ޓީމުން އުނިކޮށްފަ އެވެ.
"ބާބަރަށް ބަލާއިރު އޭނާ އަށް އެއް ފެންވަރެއްގައި ފޯމު ހިފެހެއްޓޭ. ވަރަށް މޮޅަށް ކުޅެފައި، އެހާމެ ދަށްކޮށް ވެސް ކުޅޭ. ވެއްޓިފައި އަރާފައި އެކަހަލަ ގޮތަކަށް އެ އުޅެނީ. އެކަމަކު އޭނާ އާއި ރިޒްވާން މޮޅަށް ކުޅެ، ރަނގަޅު ލީޑެއް ހޯދައިދޭން ފަށައިފިނަމަ ޕާކިސްތާން ބަލިކުރަން ދަތިވާނެ. ސަބަބަކީ އައްޔޫބް ނެތަސް އެމީހުންގެ ޓީމުގައި ވަރަށް މޮޅު ކުޅުންތެރިން ތިބުން. އެމީހުން ޕާފޯމް ކުރާ ގޮތަކަށް ނަތީޖާ އެނބުރިގެންދާނީ" ޕޮންޓިން ބުންޏެވެ.
1999 ވަނަ އަހަރުގެ ވޯލްޑް ކަޕު ފައިނަލުގައި ޕާކިސްތާން ބަލިކުރި އޮސްޓްރޭލިޔާ ޓީމަށް ކުޅުނު ޕޮންޓިން އަދި ބުނީ އަމިއްލަ ގައުމުގައި މުބާރާތް ކުޅުމަކީ އެޑްވާންޓޭޖް އޮންނާނެ ކަމެއްނޫން ކަމަށެވެ.
"އަމިއްލަ ގައުމުގައި ކުޅުމުގެ ޕްރެޝަރު ދެ ގޮތަށް ވެސް ދިމާވެފައި އެބަހުރި. ބައެއް ފަހަރު އެއީ ކުޅުންތެރިން މޯޓިވޭޓްވާ ކަމެއް. ހާއްސަކޮށް ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބޭނަމަ. އެ ސަޕޯޓަރަކީ ބައެއް ފަހަރު ނަތީޖާ އަނބުރާލުމުގައި ވަރަށް މުހިންމު ދައުރެއް ކުޅެ ކަމެއް،" ޕޮންޓިން ބުންޏެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.
ޕާކިސްތާނުން މުބާރާތް ފެށީ ކަރާޗީގެ ނެޝަނަލް ބޭންކް ސްޓޭޑިއަމުގައި މި މަހުގެ 19 ވަނަ ދުވަހު ނިއުޒީލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެންނެވެ. މި މެޗަށް ފަހު ޕާކިސްތާން މިހާރު ތިބީ ޑުބާއީ އަށެވެ. އެއީ އެންމެ ވާދަވެރި އިންޑިޔާއާ ދެކޮޅަށް ކުޅޭށެވެ. މި މުބާރާތުގައި އިންޑިޔާގެ މެޗުތައް ޑުބާއީގައި ކުޅެނީ އެ ގައުމުގެ ޓީމު ޕާކިސްތާނަށް އައުމަށް އިންޑިޔާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ. ޕާކިސްތާން ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާވަލްޕިންޑީގައި ބަނގްލަދޭޝްއާ ދެކޮޅަށެވެ.
މުހައްމަދު ރިޒްވާން (ކެޕްޓަން)، ބާބަރް އަޒަމް، އިމާމުލްހައްގު، ކަމްރަން ގުލާމް، ސައުދު ޝަކީލް، ތައްޔިބް ތާހިރް، ފަހީމް އަޝްރަފް، ޚުޝްދިލް ޝާހް، ސަލްމާން އަލީ އަގްހާ، އުސްމާން ހާން، އަބްރާރް އަހުމަދު، ހާރިސް ރައޫފް، މުހައްމަދު ހަސްނައިން، ނަސީމް ޝާހް، ޝާހީން ޝާހް އަފްރީދީ.