ޚަބަރު

ވިޔަފާރި ފުޅާކުރުމަށް ރަހުނަކާނުލައި 3 މިލިއަނާ ހަމައަށް ލޯނު ލިބޭގޮތަށް ހަމަޖައްސައިފި


  • ވިޔަފާރިތައް ފުޅާކުރުމަށް ރަހުނަކާ ނުލައި 3 މިލިއަން ރުފިޔާ މިހާރު ލިބޭނެ

  • އިތުރު ރަހުނަކާ ނުލައި ގެސްޓް ހައުސް ލޯނު ލިބޭގޮތް ވަނީ ހަމަޖައްސަވާފަ

  • ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު ވަނީ 20 އަހަރަށް އިތުރުކޮށްފަ

ވިޔަފާރިތައް ފުޅާކުރުމަށް ރަހުނަކާނުލައި 3 މިލިޔަނާ ހަމައަށް ލޯން ލިބޭގޮތަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހަމަޖައްސަވައިފިއެވެ.

ބީއެމްއެލްއިން މިގޮތަށް ހަމަޖައްސަވާފައިވަނީ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގ ޕްރޮޑަކްޓަތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިންނެވެ.

ގެދޮރުވެރިކަމުގެ ވިޔަފާރި ލޯނަށް ގެނެސްފައިވާ ބަދަލުތައް:

* އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ޚަރަދު 20އަށް ދަށްކުރުން
* ލޯން އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
* ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު ފައިނޭންސިންއަށް ހުށަހެޅޭނެގޮތް ހަމަޖެއްސުން

ގެސްޓްހައުސް ވިޔަފާރިއަށް ދޫކުރާ ލޯނަށް ގެނެސްފައިވާ ބަދަލު

* ލޯނަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެއްސުން
* ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ %11 ގެ ރޭޓުން ލޯނު ލިބޭގޮތް ހަމަޖެއްސުން
* އަލަށް ފަށާ ގެސްޓްހައުސްތަކަށް %12ގެ ރޭޓުން ލޯނު ލިބުން

ވިޔަފާރި ފުޅާކުރުމަށް ދޫކުރާ ލޯނަށް ގެނެސްފައިވާ ބަދަލު

* ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯނު ނެގޭ ގޮތް ހަމަޖެއްސުން
* ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކުރުން

ބީއެމްއެލް އިން ވަނީ ވިޔަފާރިތައް ފުޅާކުރުމަށް ރަހުނަކާ ނުލައި 3 މިލިއަން ރުފިޔާއާ ހަމައަށް ލޯން ލިބޭނެގޮތްވެސް ހަމަޖައްސަވާފައެވެ.

މިބަދަލުތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް ބީއެމްއެލްއިންދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް ކަމަށެވެ.

"ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މިދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން" މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިންވަނީ ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް އެބޭންކުން ދޫކުރާ ލޯން ސްކީމްތަކަށްވެސް ރައްޔިތުންނަށް ފަސޭހަވާނެ ގިނަ ބަދަލުތަކެއް މިހަފްތާތެރޭގައި ގެނެސްފައެވެ. މިބަދަލުގެ ދަށުން ކުރިން އެޕާޓްމަންޓާއި، ރޯ ހައުސްއާއި ސިންގަލް ޔުނިޓް ގަތުމަށް ދޫކުރަމުން އައި ލޯން ބިމާއި ޕާކުކުރާނެ ޖާގަ ގަތުމަށްވެސް ދޫކުރަން ބޭންކުންވަނީ ނިންމާފައެވެ.