ކުޅިވަރު

ދިވެހި ޔޫތު ލީގުގެ އެންމެ ބޮޑު އަމާޒު، 2030 ގެ އޭޝިއަން ކަޕަށް ކޮލިފައިވުން


ދިވެހި ޔޫތު ލީގުގެ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިވުން ކަމަށް އެ ލީގު އިންތިޒާމުކުރުމުގައި އުޅުނު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު 21 އިން މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ދިވެހި ޔޫތު ލީގު ކުރިއަށްދިޔައީ ކުޅިވަރާއި ހަށިހެޔިކަމާ ބެހޭ ވުޒާރާ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެންނެވެ. ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތް ބާއްވާފައިވަނީ މޯލްޑިވްސް ސޮކަރ މޭޓްސްގެ އިސްނެންގެވުމާ އެކުއެވެ. އެގޮތުން ސޮކަރ މޭޓްސްގެ ކޯޗުންނާއި، ޓެކްނިކަލް އޮފިޝަލުން ވަނީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން އަކުރަމް ބުނީ ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ އަމާޒެއް އޮވެގެން ކަމަށާއި، 2030 ވަނަ އަހަރު އަންނަން ވާއިރަށް ކުޅުންތެރިންތަކެއް ތައްޔާރުކުރުމަކީވެސް ޔޫތު ލީގުގެ އެއްބޭނުން ކަމަށެވެ. މި މުބާރާތުގައި ސޮކަރ މޭޓްސްގެ ފަރާތުން ޓެކްނިކަލް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ރާއްޖޭ ތަޖުރިބާކާރު ކުޅުންތެރިޔާ އަކުރަމް ހުރީ މުބާރާތުން ފެނުނު ހުނަރުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

އަކުރަމް ބުނީ މި ފަހަރު ތައާރަފުކުރި ދިވެހި ޔޫތު ލީގާއެކު އެންމެ ބޮޑު އުއްމީދަކީ 12 އަހަރުން ދަށުން ފެށިގެން ރާއްޖޭގައި ވާދަވެރި ފުޓްބޯޅަ ކުޅޭ ޕްލެޓްފޯމެއް ގާއިމުކުރުން ކަމަށެވެ. އަދި މިދިޔަ ހަ އަހަރު ދުވަހުގެ ތޭރޭގައި ޔޫތު ޑިވަލޮޕްމަންޓް ދަށަށް ގޮސްފައިވާ ކަމަށާއި، ހުރި މައްސަލަތައް ހައްލުކުރެވޭނީ ޔޫތު ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ބޮޑެއްޗަށް ތިބި ޕްލެޔަރުން އިންޕްރޫވްކޮށްގެން މަސައްކަތްކުރާކަށް ކުއްލިއަކަށް ކުރިއަށްދާނެހާ ވަގުތެއް ނެތޭ. އެހެންވީމަ ކުރިޔައަށް އޮތްތަނަށް އަޅުގަނޑުމެން ހިނގާށޭ ތައްޔާރުވާން." އަކުރަމް ބުންޏެވެ.

ކަމެއް ކާމިޔާބުކާމާއެކު ގެންދަން ބޭނުންވާ ކަމަށްވާނަ ބޮޑު އުއްމީދެއް އޮންނަޖެހޭނެކަން ފާހަގަކުރަމުން އަކުރަމް ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރެވިއްޖެ ކަމަށްވާނަމަ، މުސްތުގަބަލުގައި ގައުމީ ޓީމުން މުޅިން ތަފާތު ކުޅުންތެރިންތަކެއް ފެނިގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި ފަހަރުގެ ދިވެހި ޔޫތު ލީގު ކުރިއަށްދިޔައީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކެޓެގަރީތަކަށް ޚާއްސަކޮށްގެންނެވެ. ޖުމްލަ 560 ކުޅުންތެރިން މުބާރާތުގައި ވާދަކުރިއިރު، 12 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އަދި މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކުލަބުން ހޯދިއިރު، 16 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަކީ ކުލަބު ވެލެންސިއާއެވެ.