ކުޅިވަރު

ޔުނައިޓެޑްގެ ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ޒިންމާ ނަގަން ޖެހެނީ ކުޅުންތެރިން: ކޯޗު


މެންޗެސްޓާ ޔުނައިޓެޑުން ހަރަދު ކުޑަކޮށް، ވަޒީފާތައް މަދު ކުރަންޖެހުމުގެ ޒިންމާ ނަގަން ޖެހެނީ ނަތީޖާ ނުނެރެވުމުންދާ މިހާރުގެ ކުޅުންތެރިން ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުނައިޓެޑް ހިންގުމާ އިނިއޯސް ގްރޫޕުން ހަވާލުވުމަށްފަހު ކޯ އޯނަރު ޖިމް ރަޓްކްލިފޭ ކުލަބުގެ ހަރަދުތައް ކުޑަކުރުމަށް ނިންމުންދާ ނިންމުންތަކަށް ރިޔާއަތްކޮށެވެ. ފާއިތުވެދިޔަ ތިން ސީޒަނުގައި 300 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ގެއްލުން ވުމުން ކުލަބުން މިހާތަނަށް ވަނީ ވަރަށް ގިނަ ވަޒީފާތައް މަދުކޮށް، ހަރަދު ކުޑަކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މީގެ ތެރޭގައި ޓިކެޓް އަގުބޮޑު ކުރުމާއި، އެޑްމިނިސްޓްރޭޓިވް ވަޒީފާތައް އުވާލުމާއި އެމްބެސެޑަރުންނަށް މުސާރަ ދިނުން ހުއްޓާލުމާއި ކުލަބުގެ ކަރަންޓް ބިލާއި ފެންބިލަށް ކުރާ ހޭދަ ކުޑަކޮށް ހިލޭ ޕާކް ކުރުން ފަދަ ހިދުމަތްތައް ދިނުން ވަނީ ހުއްޓާލައިފަ އެވެ.

ކޯޗު ރުބެން އަމޮރިމް ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި މިފަދަ ނިންމުންތަކުގެ މައިގަނޑު ސަބަބަކީ ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ކުޅުމާއި ނެރޭ ނަތީޖާ ގޯސްވުން ކަމަށެވެ.

"އަހަރެންނަށް ހީވަނީ ޓީމުގެ ކޯޗާއި ކުޅުންތެރިންނަށް ވެސް މިއީ ފުރަގަސްދެވޭނެ ކަމެއް ނޫންހެން. އެތައް ބައެއްގެ ވަޒީފާ އެ ދަނީ ގެއްލެމުން. އަހަރުމެންނަށް މިކަންކަން ވިސްނެން ޖެހޭ. އެންމެ ބޮޑު މައްސަލަ އަކީ ފުޓްބޯޅަ ޓީމަކުން ބޮޑު ހަރަދު ކުރަމުންދާއިރު އަހަރުމެން އަބަދު ބަލިވަމުންދާތީވެ. އަހަރުމެން މިހާރު ޗެމްޕިއަންސް ލީގަކު ނުކުޅޭ. އެހެންވީމާ އެހެން ޓީމުތަކާއި އަހަރުމެންނާ އާމްދަނީގެ ގޮތުން ހަމަހަމައެއްނޫން،" އަމޮރިމް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ އެތައް ބައެއްގެ ވަޒީފާ ގެއްލުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"މީހުންގެ ވަޒީފާތައް އެދަނީ ގެއްލެމުން. ހަމަ ޔަގީން އެމީހުންގެ ވަޒީފާ ދިފާއު ކުރަން ބަލާއިރު އެއީ ކުރަން އުނދަގޫ ކަމެއް. އެ އިހުސާސް ކުރެވުނީމަ މުޅި ޓީމަށް އޭގެ އަސަރު ވެސް ކުރާނެ. އެހެންވީމާ އަހަރެން ދެކޭ ގޮތުގައި މިއީ ކުޅުންތެރިންނާއި ކޯޗަށް ވެސް މިކަމުން ރެކެވޭނެ ކަމެއްނޫން. އަހަރެން އެދެނީ ޓީމުގައި ތިބި ކުޅުންތެރިންނަކީ މިފަދަ ކަންކަމާމެދު ވިސްނައި ޒިންމާދާރު ބަޔަކަށްވާނެ ކަމަށް." އަމޮރިމް ބުންޏެވެ.
ޔުނައިޓެޑް މި ވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ ވެސް 15 ވަނާގަ އެވެ.