ޚަބަރު

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް


  • މިހާރު ބޭރު ތޮށި ޖެހުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައި

  • މިމަޝްރޫއުގެ އަގަކީ 27.8 މިލިޔަން ރުފިޔާ

  • އަމަލީ މަސައްކަތް ފަށަފައިވަނީ 2022 ވަނަ އަހަރު

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށަފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ބޭރު ތޮށި ޖެހުމުގެ މަސައްކަތް އެއްކޮށް ނިމަފައިވާކަމަށާއި، ރެވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތުގެ 81 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ގޮނޑުދޮށަށް ވެލި ފުރުމުގެ މަސައްކަތުގެ 87 އިންސައްތަ މިހާރު ނިމިފައިވާކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

1300 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ރަތަފަންދޫގެ ރައްޔިތުން ރަށްގިރުމުގެ މައްސަލަ ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ހުޅަނގު މޫސުމުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑު ބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.