ކުޅިވަރު

އިންޑިއާ އާއި ބަންގްލަދޭޝްގެ މެޗަށް ވާރޭގެ އަސަރުކޮށްފާނެތަ؟


ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި މާދަމާ އިންޑިޔާ އާއި ބަންގްލަދޭޝް ބައްދަލުކުރާނެ އެވެ. މިއީ މުބާރާތުގައި މި ދެ ގައުމު ވެސް ކުޅޭ ފުރަތަމަ މެޗެވެ. ޕާކިސްތާނުގައި މުބާރާތް ބޭއްވި ނަމަވެސް މި މެޗާއި އިންޑިޔާގެ ބާކީ މެޗުތައް ކުޅޭނީ ދުބާއީގަ އެވެ. އެއީ ސިޔާސީ އަރައިރުމުގެ ސަބަބުން ޕާކިސްތާނަށް އިންޑިޔާ ޓީމު ނުފޮނުވަން އެ ގައުމުން ނިންމުމުންނެވެ.

މި މެޗަށް ނުކުންނައިރު ދެ ގައުމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް އެންމެ ބޮޑަށް ކަންބޮޑުވެފައިވަނީ މެޗަށް ވާރޭގެ އަސަރުކޮށްފާނެތީ އެވެ. ދުބާއީ އަށް މި ދުވަސްވަރަކީ ގިނައިން ވާރޭވެހޭ ދުވަސްވަރެކެވެ. މިހެންވެ މޫސުން ލަފާކުރުމަށް ވަނީ ދަތިވެފަ އެވެ.

ތަޖުރިބާކާރުން ބުނަނީ މޫސުން ތަންނުދީފިނަމަ އެންމެ ބޮޑަށް ގެއްލުންވާނީ އިންޑިޔާ އަށް ކަމަށެވެ. ސަބަބަކީ އިންޑިޔާގެ ޓީމުގައި ތިބި ކުޅުންތެރިން ސްޓައިލްގެ ސަބަބުންނެވެ. ޓީމުގައި ވަނީ ފަސް ސްޕިނަރުން ހިމަނާފަ އެވެ. މި ފަދަ އުކުންތެރިންގެ ކުޅުން އެންމެ މޮޅަށް ފެންނާނީ ފަސްގަނޑު ހަރުކޮށް އޮންނަ ދަނޑެއްގައި ކުޅޭއިރު އެވެ.

ދުބާއީއަށް ވިއްސާރަވެ، ދަނޑު ތެމޭގޮތް ވެއްޖެނަމަ ގިނަ ބަޔަކު ބުރަވަނީ ބާރު އުކުންތެރިންނަށް އެޑްވާންޓޭޖް ބޮޑުވާނެ ކަމަށެވެ. މިހެންވެ އިންޑިޔާއިން އެމީހުންގެ ގޭމް ޕްލޭނަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށް ދެކޭ ތަޖުރިބާކާރުން ގިނަ އެވެ.

ވާރޭވެހިއްޖެނަމަ މެޗުގެ ޓޮސް ދިމާވާ ބަޔަކަށް އެޑްވާންޓޭޖް އޮންނާނެ އެވެ. އާއްމުކޮށް ގައުމުން ބޭރުގައި ކުޅޭއިރު މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވެ ހާލަތުގައި ޓޮސް ދިމާވާ ޓީމުތަކުން އިހްތިޔާރުކުރަނީ ބެޓްކުރާށެވެ. ސަބަބަކީ މޫސުމަށް އަންނަ ބަދަލަކުން ދަނޑު ދެމިއްޖެނަމަ ބޯލަރުންނަށް އެޑްވާންޓޭޖް ލިބޭތީ އެވެ.

އިންޑިޔާ އާއި ބަންގްލަދޭޝްގެ މެޗު ކުޅޭނީ ދުބާއީގެ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމުގަ އެވެ. ވާރޭ ވެހިދާނެ ކަމަށް ބަލައި ދަނޑު މުހިންމު ހިސާބުތަކުގައި މިހާރު ވެސް ވަނީ ސަތަރި އަޅައި ބަންދުކޮށްފަ އެވެ. އެކަމަކު އަދި މިހާތަނަށް މޫސުމީ އިދާރާއިން ވަކި އެއްޗެއް ނުބުނެ އެވެ.

މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަންގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.