ޕާކިސްތާނުގައި މިއަދު ފަށާ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ޕާކިސްތާނުގެ އެއްވެސް ދަނޑެއްގައި އިންޑިއާގެ ދިދަ ނުގަނަން ނިންމައިފިއެވެ.
މުބާރާތަށް ޕާކިސްތާނުން ތައްޔާރުކޮށްފައިވާ ތިން ދަނޑުގައި ވެސް ނަގާފައިވަނީ މުބާރާތުގައި ބައިވެރިވާ އަށް ގައުމުގެ ތެރެއިން ހަތް ގައުމުގެ ދިދަ އެވެ. ދެން ހުރީ އައިސީސީގެ ދިފަ އެވެ. އުނިކޮށްފައިވަނީ އިންޑިޔާގެ ދިދަ އެކަންޏެވެ.
މިކަމާ ބެހޭ ގޮތުން ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބުނީ ދިދަ ނެގުމުގައި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އަންގާފައިވާ އެއްވެސް އެންގުމަކާ ޕާކިސްތާނުން ހިލާފުވެފައި ނުވާނެ ކަމަށެވެ.
"އައިސީސީން އިން އަންގާފައި އޮތީ ކޮންމެ ދަނޑެއްގައި ވެސް ހަތަރު ދިދަ ނެގުމަށް. އެއީ އައިސީސީގެ ދިދަ އާއި ޕާކިސްތާނުގެ ދިދަ އަދި މެޗުގައި ކުޅޭ ދެ ގައުމުގެ ދިދަ،" ޕާކިސްތާން ކްރިކެޓް ބޯޑުގެ ސްޕޯކްސް ޕާސަން ބުންޏެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.
މީގެ ތެރެއިން އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖައްސާފައިވަނީ ދުބާއީގަ އެވެ. އެއީ އިންޑިޔާ ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ފޮނުވަން ދެކޮޅު ހެދުމުންނެވެ. އެއީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒާތީ އަރައިރުމަކާ ހެދި އެވެ. މިހެންވެ ޕާކިސްތާން ވެސް އިންޑިޔާ މެޗު ކުޅުމަށް ދާން ޖެހޭނީ ދުބާއީ އަށެވެ.
ޕާކިސްތާނުގައި މުބާރާތް ކުޅެން އައުމާ ދެކޮޅު ހެދުމުގެ އިތުރަށް އިންޑިޔާއިން ވަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން މުބާރާތުގެ ލޯގޯއާއެކު ޕާކިސްތާނުގެ ނަން އެ ގައުމުގެ ގައުމީ ޖާޒީގައި ޖެހުމަށް ވެސް ދެކޮޅު ހަދާފަ އެވެ. އަދި މުބާރާތުގެ ރަސްމީ ޕްރެސް ކޮންފަރެންސަށާއި ރަސްމީ ފޮޓޯ ޝޫޓަށް އިންޑިޔާގެ ކެޕްޓަން ޕާކިސްތާނަށް ދިއުމަށް ވެސް ފުރަތަމަ ހުއްދަ ނުދިނެވެ. ޖާޒީގައި ނަން ޖެހުމަށާއި ކެޕްޓަން ޕާކިސްތާނަށް ފޮނުވަން ފަހުން އިންޑިޔާއިން ނިންމީ މުބާރާތުގެ ގަވާއިދާ ހިލާފު ކަމެއް ކޮށްފިނަމަ އެބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައިސީސީން ދިނުމުންނެވެ.
ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ސްޕޯކްސް ޕާސަން ބުނީ އެ ގައުމުގައި އެއްވެސް ދަނޑެއްގައި އިންޑިޔާއިން ނުކުޅޭތީވެ އިންޑިޔާގެ ދިދަ ވިހުރުވަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިއީ ސިޔާސީ އަދި ޒާތީ ސަބަބެއް ނޫން ކަމަށެވެ. މި މުބާރާތް ކަވަރު ކުރަން އެދުނު އިންޑިޔާގެ ހަތް ނޫސްވެރިއަކަށް ޕާކިސްތާނުން ވަނީ ޝަރުތެއް ނެތި ވިސާ ދީފަ އެވެ.