ޚަބަރު

ދިވެހި ރާއްޖޭގެ އަޑުގެ ބަހުސް މުބާރާތް ޓީވީއާއި ރޭޑިއޯއިން


ދިވެހި ރާއްޖޭގެ އަޑުގެ 1437 އަހަރުގެ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަން ޓީމުން ހޯއްދައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުން މިމުބާރާތް ބާއްވާތާ 10 އަހަރުވެފައިވާއިރު، އަންނަ އަހަރުން ފެށިގެން މި މުބާރާތް ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ޓީވީންވެސް ގެނެސްދެއްވާނެކަން ޕަބްލިކް ސަރވިސް މީޑިއާއިން ރޭވަނީ އިއުލާންކޮށްފައެވެ.

ދިވެހި ބަހުން މޮޅަށް ވާހަކަދައްކާނެ  ހުނަރުވެރި ވާހަކަދެއްކުންތެރިން  އުފައްދުމުގެ މަޤުޞަދުގައި ދިވެހިރާއްޖޭގެ އަޑުން  މި ބަހުސް މުބާރާތް ބާއްވަން ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ.

ބަހުސް މުބާރާތް 1437 ، މިފަހަރު ބޭއްވީ ދިވެހި ބަހުގެ އެކަޑަމީއާއި ދިވެހިރާއްޖޭގެ އަޑު ގުޅިގެންނެވެ. ސަރުކާރުގެ މުއައްސަސާތަކާއި، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިފަހަރު ޖުމްލަ 6 މުއްސަސާއަކުން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރީ މީގެ ކުރިން މުބާރާތް މިލްކުކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ ދިފާއި ބާރުގެ ޓީމާއި، މިދިޔަ އަހަރު އެންމެ ދަށުން މާކްސް ލިބުނު ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ޓީމުންނެވެ. ފޯރިގަދަ ބަހުސަކަށްފަހު ފައިނަލުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން މުބާރާތުގެ އެއްވަނަ ހޯއްދާ، 15،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޚާއްސަ ޓްރޮފީ ހާސިލުކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ޓީމުންނެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުން ތެރިއަކަށް ހޮވިފައިވަނީ، އެޓީމުގެ އަލީ ރަޝީދެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑްރަގް ކޯޓުގެ އިސް ފަނޑިޔާރު އަދި މިފަދަ ބަހުސް މުބާރާތްތަކުގައި ރަން ވަނަތަކެއް ކުރީން ހޯއްދަވާފައިވާ އަލްއުސްތާޒް އަބްދުއްސައްތާރު އަބްދުލް ޙަމީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑަކީ މިފަދަ މުހިންމު މުބާރާތްތަކެއް މީގެ ގިނަ އަހަރުތަކެއްގެ ކުރިން ބާއްވަވައި އަގުހުރި ދަރީންތަކެއް ދިވެހި މުޖުތަމައަށް ނެރެދެއްވާފައިވާ ވަރަށް ޚިދުމަތްތެރި ރޭޑިއޯ ސްޓޭޝަނެއްކަމަށެވެ.

އަބްދުއްސައްތާރު އަބްދުލް ޙަމީދު ވިދާޅުވީ، ބަހުސް މުބާރާތްފަދަ މުބާރާތްތަކުން ޝަރުއީ ދާއިރާއަށްވެސް މީހުން ބޭނުންވާކަމަށެވެ. އެގޮތުން ރަނގަޅު ވަކީލުން މިފަދަ މުބާރާތްތަކުން އުފެދިގެންދާކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ބަހުސް މުބާރާތް 1437 އާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، ދިވެހި ބަހުގެ އަދަބިއްޔާތާއި ގުޅޭ މިފަދަ މުޙިއްމު މުބާރާތްތައް ދިވެހިބަހުގެ އެކަޑަމީ އާއި ގުޅިގެން އާ ހިތްވަރަކާއެކު ގެންނެވުމަށް ޕީ.އެސް.އެމް އިން މަސަކަތް ކުރަމުންގެންދަވާކަމަށެވެ. އެގޮތުން ޒަމާންވީ މި ބަހުސް  މުބާރާތްވެސް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ އިތުރުން، އަންނަ އަހަރުން ފެށިގެން ރޭޑިއޯ އާއި ޓިވީން މި މުބާރާތް ގެނެސްދެއްވާން ނިންމަވާފައިވާކަން އިކްރާމް ފާހަގަކުރެއްވިއެވެ.

ދިވެހި ރާއްޖޭގެ އަޑުގެ 1437 އަހަރުގެ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަން ޓީމުންވަނީ، އެޓީމަށް ލިބުނު ފައިސާގެ އިނާމު މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންވާ ކޮންމެވެސް އިދާރާއަކަށް ހަދިޔާކުރަން ނިންމާފައިވާކަމަށެވެ.