ކުޅިވަރު

ލާމު އަތޮޅު މަދަރުސާ، އިސްދޫ ސްކޫލް އަދި އިހައްދޫ ސްކޫލަށް މޮޅެއް


ލ. އަތޮޅުގެ ސުކޫލުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޝީޝާ ލާމަސީލު ލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2025 ގައި އިއްޔެ ކުޅުނު މެޗުތަކުން ލާމު އަތޮޅު މަދަރުސާ އާއި، އިސްދޫ ސްކޫލް އަދި އިހައްދޫ ސްކޫލް މޮޅުވެއްޖެއެވެ.

ލ. ގަމު ޒޯން ސްޓޭޑިއަމުގައި ކުރިއަށްދާ މި މުބާރާތުގައި 11 ސްކޫލެއް ވަނީ ބައިވެރިވެފައެވެ. އެއާއެކު މުބާރާތް ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުން ލާމު އަތޮޅު މަދަރުސާ މޮޅުވީ ކުނަހަންދޫ ސްކޫލާ ވާދަކޮށް ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލާމު އަތޮޅު މަދަރުސާގެ މުޙައްމަދު ރައުލް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަބްދުﷲ ނައުހާން ނަސީމް ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ލާމު އަތޮޅު މަދަރުސާއިން ކާމިޔާބުކުރި އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހީމް އާޔަން އަޙްމަދާއި، މުޙައްމަދު ވިއާމް ޝަރީފް އަދި ހަސަން ނުވާސްއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ސީގެ މެޗުގައި އިސްދޫ ސްކޫލުން ވަނީ 7-0 ގެ ނަތީޖާއަކުން ހިތަދޫ ސްކޫލް ބަލިކޮށްފައެވެ. މި މެޗުގައި އިސްދޫ ސްކޫލްގެ އަލީ މަމްނޫން އާއި އަބީން އިބްރާހީމް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި އިސްދޫ ސްކޫލުން ކާމިޔާބުކުރި އަނެއް ލަނޑުތައް ޖަހައިދިނީ ހަސަން އަފްލާހާއި، އަޙްމަދު އާނިސްއެވެ. އަދި މި މެޗުގައި ހިތަދޫ ސްކޫލްގެ މުޙައްމަދު ޝަރަފް އަޙްމަދު ޝަރީފް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ރޭ ކުޅުނު މެޗުން އިހައްދޫ ސްކޫލް މޮޅުވީ ދަނބިދޫ ސްކޫލް އަތުން 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިހައްދޫ ސްކޫލުން ކާމިޔާބުކުރި ހަތަރު ލަނޑުވެސް ޖަހައިދިނީ ކެޕްޓަން އަޙްމަދު އަޔާން އަޝްރަފެވެ. އަދި މި މެޗުގައި ދަނބިދޫ ސްކޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ކައިސާން ޝާހެވެ.

މި މުބާރާތުގެ މެޗުތައް މިއަދުވެސް ކުރިއަށްދާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހެވެ.