ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލުތަކާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާ މަޝްވަރާތަކެއްކަމަށެވެ. އެގޮތުން މީގެ ކުރިންވެސް މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤާނޫނުއަސާސީއަށް މުހިންމު އިސްލާޙުތަކެއް ގެންނެވުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އިބްރާހީމް ފަލާޙްއާއެކު ބައްދަލު ކުރައްވާފައި.
— Heena Waleed (@MvSpokesperson) February 20, 2025
މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި…
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަު ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެއީ މިއަހަރަށް މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ޖަލްސާއެވެ.
ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޤަސްތުކުރައްވާ ބިލުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާޙުކުރުމަށް ޤާނޫނުއަސާސީއަށް އިސްލާޙުތަކެއް ގެނައުމަށް ޤަސްތުކުރައްވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުމަށްވެސް ބިލެއް ހުށައަޅުއްވާނެކަމަށާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއްވެސް މިއަހަރު ހުށައެޅޭނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންޓި ކޮރަޕްޝަންގެ ޤާނޫނަށާއި ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް މިއަހަރުގެ ތެރޭގައި ހުށައަޅުއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ.
އެކި ފަރާތްތަކުން ނުއަގުގައި ހޯދާފައިވާ ދައުލަތުގެ އެސެޓްތަކުގެ ހަމައަގު ހޯދައި، ޤާނޫނާ ޚިލާފަށް އެކިފަރާތްތަކުން ހޯދާފައިވާ ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށްޓަކައި އެސެޓް ރިކަވަރީއާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި އެ ބިލުވެސް މިއަހަރު ހުށައެޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
• މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލު
• ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ބިލެއް
• ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭންއާ ބެހޭ ޚާއްޞަ ޤާނޫނެއް ވުޖޫދުކުރުމަށް ބިލެއް
• ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް ބިލުތަކެއް
ގިނަ އަދަދެއްގެ ބިލުތަކެއް މިއަހަރު ހުށައެޅުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މިދިޔަ އަހަރުވެސް އެކި ދާއިރާތަކުގެ ކުރިއެރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް މުހިންމު އިސްލާޙުތަކެއް ވަނީ ގެންނަވާފައެވެ.