ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓުން ޖާގަ ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާ ދަނީ ފެންނަމުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކުންފުންޏެއްކަމަށްވާ އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ބެއިޖިންގައެވެ. މި އެއްބަސްވުމަކީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑްގެ ދަށުން ޤާއިމްކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު އެންސިސް ފިޝަރީޒްއިން އުފައްދާ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާނެއެވެ. އޭގެތެރޭގައި ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ ބާވަތްތައް ހިމެނެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރަން ތައްޔާރުވުމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެންސިސް ކުންފުންޏަށް މަރުހަބާ ވިދާޅުވެފައެވެ.
ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއިއެކު ޖާގަ ލިބި ލުއިގޮތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެގޮތުން ކުރައްވާ މަސައްކަތާއި އަޅުއްވަމުންގެންދަވާ އަވަސް ފިޔަވަޅުތަކުގެ ނަތީޖާ ދަނީ ފެންނަމުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެބާޒާރުން ފަސޭހަކަމާއިއެކުޖާގަލިބި ލުއިގޮތްތައް ހޯއްދަވައިދެއްވުމުގައި ރޖ ޑރ މުޢިއްޒު އަޅުއްވަމުންގެންދަވާއަވަސް ފިޔަވަޅުޔަކުގެ ނަތީޖާމިދަނީފެއްނަމުން. އެންސިސްއަށް ހޫނުމަރުހަބާއެއްދައްނަވަން. https://t.co/wd3hgkLdwr
— Mohamed Saeed (@em_saeed) February 21, 2025
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއިއެކު އެކްސްޕޯޓާއި ރީ-އެކްސްޕޯޓްގެ ދާއިރާ ފުޅާވެގެންދާނެކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން މުދާ ރާއްޖޭގައި ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށް މަގުފަހިވެގެންދާއިރު މީގެ ސަބަބުން އައު ވިޔަފާރިތައް އުފަންވެ، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ޗައިނާއަކީ 1.41 ބިލިޔަނަށްވުރެ ބޮޑު އާބާދީއެއް އޮތް ޤައުމަކަށްވާއިރު މިހާބޮޑު މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދު ކުރިއަރާ ދުވެލި ހަލުއިވެގެންދާނެ ކަމެއްކަން އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.