ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ފައިނަލުން ހދ ނައިވާދޫ އާއި ކ.ކާށިދޫ ޖާގަހޯދައިފިއެވެ. ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުން މުޅިން އަލަށް މިދެޓީމަށް ޖާގަ ހޯދީ ރޭ ކުޅުނު ސެމީފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ހދ.އަތޮޅުގެ ޗެމްޕިއަނުން ނައިވާދޫ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ އެންމެ ފަހު 2 އަހަރުގެވެސް ފައިނަލްގައި ކުޅެފައިވާ ވަރުގަދަ ލ.ގަން ބަލިކޮށްގެންނެވެ. ނައިވާދޫ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އަބްދުﷲ ޝާފިއު (ޝާއްޕެ)އަށް އަނިޔާވެ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވުމުން، މިމެޗާއި ނައިވާދޫ ކުރިމަތިލީ އިތުރު ހިއްވަރަކާއި ވަރުގަދަ އަޒުމަކާއެކު މެޗު ކާމިޔާބުކޮށް އުތުރުން މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ފުރަތަމަ ޓީމަށް ވުމުގެ އަޒުމުގައި ކަމަށް ޓީމުގެ ކޯޗު މުހައްމަދު އައްޒާމް މެޗުގެ ކުރިން ބުންޏެވެ.
2023 ވަނަ އަހަރުގެ ގޯލްޑަން ޗެމްޕިއަނުން ގަމުގެ މައްޗަށް ސެމީފައިނަލްގައި ނައިވާދޫ ކުރި ހޯދީ 3-1 ނެވެ. މިމެޗުގައި ނައިވާދޫއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މުހައްމަދު ޝާއިންއެވެ. އަދި ތިން ވަނަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަހުމަދު ހަމީދެވެ. ގަމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުމަދު ހަލީމްއެވެ.
މިއަހަރުގެ މުބާރާތުގައި ގިނަ ބަޔަކު ސިއްސުވާލާ ބޮޑެތި ޓީމުތައް މުބާރާތުން ކަޓުވާލުމަށްފަހު މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރި ކާށިދޫ ސެމީފައިނަލްގައި ބައްދަލުކުރީ 2023 ވަނަ އަހަރުގެ ފައިނަލްގައި ވާދަކުރި ގދ.ވާދޫއާއެވެ. މިމެޗު ކާށިދޫ ކާމިޔާބުކުރީ ފަހަތުންއަރާ 4-2 ނެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވާދޫއިންނެވެ. މެޗުގައި ވާދޫއިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ނަޝާޙް އަހުމަދެވެ. ކާށިދޫއިން ޖެހި 4 ލަނޑުގެ ތެރެއިން ދެ ލަނޑު އިސްމާއިލް ރަޔާން ކާމިޔާބުކޮށްދިންއިރު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްހޯދި އަޖުލާން އަބްދުލް ހައްނާން ވަނީ ލަނޑެއް ޖަހާ މެޗުގައި އިތުރު ދެ ލަނޑު ޖެހުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިއެވެ. ކާށިދޫއިން މިމެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ވާދޫގެ ކެޕްޓަން އަހުމަދު އަޔާޒް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މުޅިން އަލަށް މުބާރާތުގެ ފައިނަލްގައި ކާށިދޫ އާއި ނައިވާދޫ ބައްދަލުކުރާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަނގާރަ ދުވަހުގެ ރެއެވެ.