ޚަބަރު

އެޗްޑީސީން ލ. ގަމުގައި ނާސަރީއެއް ތަރައްޤީކުރަނީ


  • މިކަމަށް އެއްލައްކަ އަކަފޫޓުގެ ބިމެއް އެރަށުން ވަނީ ކަނޑައަޅާފައި

  • އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ ގަސް މިތަނުގައި ހައްދާނެ

ގަސް އާލާކުރުމަށް ޚާއްސަކޮށްގެން ލ. ގަމުގައި ނާސަރީއެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ. އެގޮތުން އެޗްޑީސީއަށް އެކަމަށް ބޭނުންވާ ބިން އެރަށުން ވަނީ ހަމަޖައްސައިފިއެވެ.

ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖެއްސީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ލ. ގަމަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން، ނާސަރީ ގާއިމްކުރުމަށް ހަމަޖައްސާފައިވަނީ އެއްލައްކަ އަކަފޫޓުގެ ބިމެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެމްޑީ ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި އެ ބިން ބައްލަވާލައްވާފައެވެ.

އެޗްޑީސީއިން ވިދާޅުވީ މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިޔަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރާ ނާސަރީއެއްކަމަށެވެ. އަދި ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ސަރުކާރުގެ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެގޮތުން އެއް މިލިޔަން ގަސް އިންދުމަށް ނިންމައި އެކަމުގެ ޕްލެޖްގައި އެޗްޑީސީން ސޮއިކުރީ، ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.

މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް އެ ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެޗްޑީސީގެ އަމާޒަކީ، އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، އަދި ފެހި މާހައުލަކަށް ހެދުންކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.