ޚަބަރު

ސަރުކާރުގެ ފަލްސަފާއަކީ ރައްޔިތުންގެ އަޑުއަހައިގެން ކަންކަންކޮށްދިނުން: ރައީސް


  • ބަނޑިދޫގެ ބިން ހިއްކައިދޭނެކަމުގެ ޔަޤީންކަންދެއްވި

  • ރަށުގެ ބަނދަރުގެ ބޭރު ތޮށި ބޭނުންކުރެވޭނެގޮތް ހަދާނެ

  • ސިއްޙި މަރުކަޒާއި ސްކޫލަށް ޖާގަ އިތުރުކޮށްދީ ވަސީލަތް ހަމަކޮށްދޭނެ

ސަރުކާރުގެ ފަލްސަފާއަކީ ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކޮށްދިނުންކަމަށާއި، އެގޮތުން ރައްޔިތުން ބޭނުންވާ ކަންކަން އެނގިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ. ބަނޑިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބަނޑިދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން ބަނޑިދޫގެ ތަރައްޤީއަށް ސަމާލުކަންދޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އެކި ސިނާއަތްތައް، ޚާއްޞަކޮށް މަސްވެރިކަން ކުރިއަރުވަން އެއްބާރުލުން ދެއްވާނެކަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަނޑިދޫގައި ބިންގާ އެޅި އައިސްޕްލާންޓަކީ މަސްވެރިކަމުގެ ސިނާއަތުގެ ފަރާތްތަކަށް ނަފާ ލިބޭނެކަމެއްކަމަށާއި، އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ އުންމީދުތަކާއި ބޭނުންވާ ކަންކަން ސާފުވެފައިވާކަމަށާއި، ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވަނީވެސް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަށްކަމަށެވެ. ރައްޔިތުން ގާތަށް ވަޑައިގަތުމަކީ އެމަނަކުފާނަށް ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާކަމެއްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގެ ފަލްސަފާއަކީވެސް ރައްޔިތުންގެ އަޑުއަހައި ކަންކަން ކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަނޑުދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ފަޅުތެރެއިން ޖާގަ އެންމެ ބޮޑަށް ލިބޭ މިންވަރަށް ބިން ހިއްކުމަށްކަމަށެވެ. އަދި ފައިބަރުގެ މަސައްކަތްފަދަ ކަންކަންވެސް އެ ސަރަހައްދަށް ބަދަލުކުރަން ރައްޔިތުން އެދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ދެއްވި ޔަޤީންކަމަކީ ރައްޔިތުން އެދޭ އެދުމަށް ފުރިހަމަ އިޖާބަ ދެއްވާކަމަށެވެ. އެގޮތުން ކައުންސިލުން ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ކައުންސިލުން މިހާރުގެ ބިން ބޭނުންކުރެވޭނެގޮތް ހޯދައި ތަރުތީބުކުރެވޭނެގޮތް މުރާޖައާކުރުމަށް ރައީސް އެދިވަޑައިގަތެވެ. އަދި އެންމެ ލަސްވެގެން އަންނަ އަހަރު އެރަށުގެ ބިން ހިއްކާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޓޫރިޒްމް ބޭނުމަށް ކަނޑައަޅާފައިވާ ސަރަހައްދު އެގޮތުގައި ބޭއްވުމަށް، މޫދަށް އެރޭ ސަރަހައްދު ރީތިކޮށް ބޭއްވުމަށް. އެކަން ހިމެނޭގޮތަށް ލޭންޑު ޔޫސް ޕްލޭންގައި ފާހަގަކޮށްދެއްވީމަ ވަރަށް ސާފު ކިހިނެއްކަން މަސައްކަތްކުރަންވީ. އެ މަސައްކަތް ނިންމެވީމަ އަޅުގަނޑު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު އެ ލޭންޑްޔޫސް ޕްލޭންގައި ކުލަ ޖެއްސުމަށް ހަގީގަތަކަށް ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނަން. އެކަމުގެ ނަތީޖާއަކީ އަމަލީގޮތުން ބިން ހިއްކި މަސައްކަތް ކުރެވޭތަންތަން ބަދަލުކުރެވޭގޮތަށް މިއަހަރު ނުގެންދެވޭނަމަ އެންމެ ލަސްވެގެން އަންނަ އަހަރު ގެންގޮސް ނިންމަދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިން ހިއްކުމާއެކު ރަށްގިރާ މައްސަލަވެސް ހައްލު ގެނެސްދެއްވާނެކަމަށެވެ. އެރަށުގެ ބަނދަރުގެ ބޭރު ތޮށި ޖާގަ އިތުރުކޮށްދިނުމަށް ކައުންސިލާއި ރައްޔިތުން އެދިފައިވާކަން ފާހަގަކުރައްވާ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އެއީ މަސްވެރިކަން ކުރާ ރަށްރަށުން އެދޭކަމެއްކަމަށެވެ. ބޭރު ތޮށި ބޭނުންކުރެވޭގޮތަށް ބަދަލުކުރެވުމުން އިތުރު ޖާގަ ލިބޭނެކަމަށާއި، އެއީ ބޭކާރު ޚަރަދެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދުރުރާސްތާއަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ސިފަކުރައްވާ ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ރައީސްގެ ވާހަަފުޅުގައި މިއަހަރު އެރަށުގައި އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްދާނެކަން ތަކުރާރުކުރެއްވިއެވެ. އަދި ތައުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއިން މަސައްކަތްތައްވެސް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ކްލާސްރޫމް އިތުރުކޮށް މަލްޓިޕާޕަސް ހޯލާ ލެބޯޓްރީ ޤާއިމްކުރުން ކުރިއަށްދާނެކަމަށާއި، ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް ވަސީލަތް ހަމަކޮށްދޭނެކަމަށްވެސް ރައީސުްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.