އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ ކުޅޭ ފުރަތަމަ މެޗު ފިލިޕީންސް އާއި ދެކޮޅަށް ފިލިޕީންސް ގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.
އޭއެފްސީން ކުރިން ޝެޑިއުލް ކުރީ ފިލިޕީންސް އާއި ރާއްޖެ ކުޅޭ ހޯމް މެޗު މާޗުމަހުގެ 25 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބާއްވާގޮތަށެވެ. އެހެންނަމަވެސް އެއީ ރޯދަމަހުގެ ފަހު 10 އަކަށް ވުމުގެ ފުރުސަތު އޮތުމާއި އެކު އެފްއޭއެމްއިން ފިލިޕީންސް ފުޓްބޯޅަ އެސޯސިއޭޝަނާއި މަޝްވަރާކޮށްގެން ދެ ޓީމުގެ ހޯމް މެޗު ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ފިލިޕީންސްގެ ހޯމު މެޗުގައި ރާއްޖެ ކުޅޭނީ އަންނަ މަހުގެ 25 ގައި ފިލިޕީންސްގައެވެ. ދެން ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ ރާއްޖޭގެ ހޯމް މެޗު އޮންނާނީ ނޮވެމްބަރު 18 ގައެވެ.
އެންމެފަހުން ރާއްޖޭގެ ގައުމީ ޓީމުން ފިލިޕީންސް އާއި ދެކޮޅަށް މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައެވެ. އެ މެޗުގައި ދެޓީމުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.
ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަންކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ރާއްޖެއާއި އެކު ހިމެނެނީ ފިލިޕީންސް، ތަޖަކިސްތާނު އަދި އީސްޓް ޓީމޯ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ފިލިޕީންސްއާއި ދެކޮޅަށް ކުޅުމުގެ ކުރިން އަންނަ މަހުގެ 19 ގައި އިންޑިއާއާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ. އެމެޗަށްފަހު ރާއްޖޭގެ ގައުމީ ޓީމު މާލެ ނައިސް ދާނީ ފިލިޕީންސްއަށެވެ.
އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖޭ ކުޅެން ޖެހޭ އެހެން މެޗުތަކުގެ ތެރޭގައި އީސްޓް ޓިމޯ – ރާއްޖެ މެޗު އޮންނާނީ ޖޫން 10 ގައެވެ. ތަޖިކިސްތާން – ރާއްޖެ މެޗު އޮންނާނީ އޮކްޓޫބަރު 9 ގައި ތަޖިކިސްތާނުގައެވެ. ރާއްޖެ – ތަޖިކިސްތާނު މެޗު އޮންނާނީ 14 އޮކްޓޫބަރުގައި މާލޭގައެވެ. ރާއްޖެ – ފިލިޕީންސް މެޗު އޮންނާނީ ނޮވެމްބަރު 18 ގައި ރާއްޖޭގައެވެ. ރާއްޖެ – އީސްޓް ޓިމޯ މެޗު އޮންނާނީ މާޗު 31 ގައެވެ.