ތުރުކީގެ ފެނަބާޗޭގެ ކޯޗު ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯގެ މައްސަލައެއް ފީފާ އާއި ޔުއެފާއަށް ހުށަހަޅާނެ ކަމަށް ގަލަތަސަރާއީ އިން ބުނެފިއެވެ.
އިސްތަންބޫލުގެ ދެ ކްލަބު ކަމުގައިވާ ގަލަތަސަރާއީ އާއި ފެނަބާޗޭ ސުޕަ ލީގުގައި ރޭ ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު މޮރީނިއޯގެ މައްސަލައެއް ފުޓްބޯލައިގެ އެންމެ މަތީ ފަރާތްތަކަށް ހުށައަޅަން ގަލަތަސަރާއީ އިން ނިންމީ އެ ކްލަބުގެ މެމްބަރުންނަށް ނިސްބަތްކޮށް މޮރީނިއޯ ދައްކާފައިވާ ވާހަކަ ތަކާއި ގުޅިގެންނެވެ.
ގަލަތަސަރާއީ އިން ބުނެފައިވާ ގޮތުގައި މޮރީނިއޯ ވަނީ އެ ކްލަބުގެ މެމްބަރުންނާއި ދިމާލަށް "މަކުނުތަކެއް ފަދައިން ފުމެން ފަށާފައި" ކަމަށް ބުނެފަ އެވެ.
މި މެޗުގެ ކުރިންވެސް މޮރީނިއޯ ވަނީ ތުރުކީގެ ލީގުގައި ރެފްރީކަން ކުރާ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި ރެފްރީންގެ ނިންމުންތައް އިންސާފުވެރި ނޫންކަމަށް ބުނުމާއި ގުޅިގެން މި މެޗަށް ތުރުކިޔޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ސްލޮވޭނިޔާގެ ރެފްރީއެއް ހަމަޖައްސާފަ އެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ މެޗަށްފަހު އޭނާ ރެފްރީންގެ ކޮޓަރިއަށް ދިޔަ ކަމަށެވެ. އަދި މެޗުގެ ހަތަރުވަނަ އޮފިޝަލަކަށް ހުރި ތުރުކީގެ ރެފްރީ މެޗަށް އައުމުން ޝުކުރު އަދާކުރި ކަމަށާއި އަދި އޭނާ ރެފްރީ އަކަށް ހުރިނަމަ މި މެޗަކީ ބޮޑު ކާރިސާއަކަށް ވެގެން ދިޔައީސް ކަމަށް ބުނެފި ކަމަށެވެ.
ކުރިން މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން ޗެލްސީ އާއި އިޓަލީގެ ރޯމާއަށްވެސް ކޯޗު ކޮށްދީފައިވާ އުމުރުން 62 އަހަރުގެ މޮރީނިއޯ ފެނަބާޗޭގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިދިޔަ އަހަރު އެވެ. އަދި އޭނާ ވަނީ މި ސީޒަނުގެ ކުރީކޮޅު ރެފްރީންނަށް ފާޑު ކިއުމުގެ ސަބަބުން ސަސްޕެންޑް ކުރުމުގެ އިތުރުން ޖުރިމަނާވެސް ކޮށްފަ އެވެ.
މޮރީނިއޯގެ މައްސަލައެއް ފީފާގެ އިތުރުން ޔޫއެފާ ހުށައަޅާނެ ކަމަށް ގަލަތަސަރާއީ އިން ބުނެފައިވީ ނަމަވެސް މި ކަމާއި ގުޅޭ ގޮތުން އަދި މިހާތަނަށް މޮރީނިއޯގެ އިތުރުން ފެނަބާޗޭ އިންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.