ޚަބަރު

މާލެ ސަރަހައްދުގެ 166 ފުލުހުންނަށް މަޤާމުގެ ކުރިއެރުން


  • 331 ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދޭން ނިންމާފައިވޭ

  • ކުރިއެރުމާއި އެއްވަރަށް ނަމޫނާ ދެއްކުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވި

މަޤާމުގެ ކުރިއެރުން ދޭން ނިންމާފައިވާ 331 ފުލުހުންގެ ތެރެއިން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ 166 ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދީފިއެވެ.

އެ ފުލުހުންނަށް މަޤާމުގެ ކުރިއެެރުން ދިނުމަށް އިސްކަންދަރު ބިލްޑިންގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން މަޤާމުގެ ކުރިއެރުން ލިބުނު 166 ފުލުހުންގެ ތެރޭގައި ހިމެނެނީ، ސީނިއަރ ސަރޖަންޓް ރޭންކުން ސަބް އިންސްޕެކްޓަރ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި، ސަރޖަންޓް ރޭންކުން ސީނިއަރ ސަރޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުހުންނާއި، ކޮންސްޓަބަލް ރޭންކުން ސަރޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް އޮންނާނެ ކަމަށެވެ. އަދި ލިބުނު މަޤާމުގެ ކުރިއެރުމާ އެއްވަރަށް މަސައްކަތުގެ ފެންވަރާއި، އަޚުލާގާއި، ސުލޫކުން މުޅި މުއައްސަސާއަށާއި ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭނެ ކަމަށެވެ. މީގެއިތުރުން ޕްރޮމޯޝަނަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރި ރޭންކާ އެއްވަރަށް ޚިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުންވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަޤާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

ފުލުހުންގެ އަޚުލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، އަޚުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ޤާނޫނު ތަންފީޒުކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށެވެ.

"މިތަނުގައި އެންމެ ފުރަތަމަ ފެންނަން ޖެހޭނެ އަސާސީ ސިފައަކީ، މަސައްކަތްކުރަން ތިބި ބައެއްގެ އަޚުލާގު. އަޚުލާގެއް ނެތިއްޔާމު ދެން މިތަނުގައި އަޅުގަނޑުމެންނަށް ނުކުމެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއްވެސް ނޯންނާނެ. އަދި ޤާނޫނު ތަންފީޒުކުރަން ހަވާލުކޮށްފައި، ޤާނޫނާ އެއްގޮތަށް ކަންކަން ތަރުތީބުކުރަން ހުންނަ މީހެއްގެ ކިބައިގައި އެ ސިފަނެތި، އޭނައަށް މީހެއް ކައިރީގައި ރަނގަޅުކުރަން ކަމެއް ބުނުމުގެ ހައިސިއްޔަތެއްވެސް ނެތް،" ކޮމިޝަނަރ ވިދާޅުވިއެވެ.

ރިވެތި އަޚުލާގު ހިފެހެއްޓުމުގައި ދެމިނުހުރެވޭނެ ކަމަށް އިހުސާސްވާނަމަ، މުއައްސަސާއިން އަމިއްލައަށް ވަކިވެގެން ދިއުމަކީ އެ ފުލުހަކަށާއި މުއައްސަސާ އަށްވެސް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށްޓަކައި އަދާކުރެވޭ މުހިންމު ޤާނޫނީ ވާޖިބެއްކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކާއި ފާޑުކިޔުންތަކަކީ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކި، އެކަންކަން ދެނެގަނެ ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ 331 އޮފިސަރަކަށް މަޤާމުގެ ކުރިއެރުން ދިނުމަށް ނިންމާފައިވާއިރު، އަތޮޅުތަކުގައި ޚިދުމަތްކުރާ ފުލުހުންނަށް އެ ސަރަހައްދުތަކުގައި މަޤާމުގެ ކުރިއެރުން ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.