ކުދި ޖަޒީރާ ގައުމުތަކުގެ އިޤުތިޞާދީ ތަރައްޤީއާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތަށް ބާބިއުޑާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވޯލްޓަން ވެބްސަންއާއި ލޭންޑްލޮކް ޑިވެލޮޕިން ކަންޓްރީޒްއަށް އދ.އިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ރަބާބް ފާތިމާ ތައުރީފް ކުރައްވައިފިއެވެ.
މި ދެ ބޭފުޅުން ރައީސްގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައިވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާބެހޭ ފޯރަމްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދީގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ކުދި ވިޔަފާރިތައް މާލީގޮތުން ކުރިއެރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ހާމަކުރެެއްވިއެވެ.
މި ރަސްމިއްޔާތުގައި އެންޓީގުއާއާއި ބާބިއުޑާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ވޯލްޓަން ވެބްސަން ދެއްކެވި ވާހަކަފުޅުގައި ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިނަލްއަޤުވާމީ މައިދާނުގައި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، އެކަމަށް ތައުރީފު ކުރައްވާފައެވެ. އަދި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމް ފެށުމުގެ ގޮތުން ރައީސް ދެެއްކެވި ވާހަކަފުޅަށްވެސް ވޯލްޓަން ވެބްސަން ތައުރީފް ކުރެއްވިއެވެ.
"ތިޔަ ދެއްކެވި ވާހަކަފުޅުތަކުން ދައްކުވައިދެނީ، އަޅުގަނޑުމެން އަބަދުވެސް ގޮވާލަމުންދާ މުހިންމު ވާހަކަތަކެއް. ކުދި އަދި މެދު ފަންތީގެ އިގުތިޞާދުތައް ކުރިއެރުވުމަށް ކުދި ވިޔަފާރިތައްވެސް ބާރުވެރިކުރުވާފައި ތަޞައްވުރާއެކު އަޅުގަނޑުމެންނަށްވެސް ކުރިއަށް ދިއުމަށް ބޭނުންވާ ހިތްވަރު ތި ދެއްވީ. އަދި ތިއީ އެހެން ކުދި އިޤްތިޞާދުތަކަށްވެސް ހުރި ވަރަށް ފުރިހަމަ މިސާލެއް." ވޯލްޓަން ވެބްސަން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވީޑިއޯ މެސެޖު މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި، ލީސްޓް ޑިވެލޮޕްޓް ކަންޓްރީޒް، ލޭންޑްލޮކް ޑިވެލޮޕިން ކަންޓްރީޒްއަށް އދ.އިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ރަބާބް ފާތިމާ ވިދާޅުވީ، މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ބާބިއުޑާގައި ބޭއްވި ފޯރަމަކީ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށެވެ. އަދި މިހާރު މާލޭގައި ކުރިއަށްދާ މި ބައްދަލުވުމަކީ، އެ ފޯރަމުން ގެންނެވި ބަދަލުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްދާ ބައްދަލުވުމެއް ކަމަށްވެސް ރަބާބް ފާތިމާ ވިދާޅުވިއެވެ.
ރަބާބް ފާތިމާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހަަމައެކަނި ބަސް ވިދާޅުވާ ވެރިއެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އަމަލީގޮތުން އެކަންކަމަށް މަސައްކަތް ކުރައްވާ، އަދި ނަތީޖާ ނެރެދެއްވާ ލީޑަރެއް ކަމަށެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިންނަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރާއްޖެއިން ހަމައެކަނި ގޮވާލަނީކީނުން. އޭގެ ދަށުން ރާއްޖެއިން ކުރި މަސައްކަތްތަކުގެ އަމަލީ ނަތީޖާވެސް މިހާރު ދަނީ ފެންނަމުން. އަދި މިކަމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން މިހާރު ވަރަށް ސާފުކޮށްވެސް ފެންނަން އެބައޮތް." ރަބާބް ފާތިމާ ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ސިޑްސް ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އަޑު އުފުލާ ވަރަށް ބޮޑަށް އެ ޤައުމުތަކުގެ ހައްޤުގައި ވަކާލާތު ކުރައްވާފައެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ޒުވާން ވިޔަފާރިވެރިން އަދި އަންހެން ވިޔަފާރިވެރިން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގުތައް ފަހިކޮށްދިނުމަށާއި، އެކި ދާއިރާތަކުން އެ ވިޔަފާރިތައް ބާރުވެރި ކުރުވުމަށްވެސް ރައީސް ގޮވާލެއްވިއެވެ.