ޚަބަރު

މެންޗެސްޓާ ޔުނައިޓެޑުގެ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް!


މެންޗެސްޓާ ޔުނައިޓެޑުގެ ޚަރަދު ކުޑަކޮށް، އެ ކުލަބަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން 200 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.

ޔުނައިޓެޑްގެ މުވައްޒަފުންނާއި މިދިޔަ ހޯމަ ދުވަހު ބައްދަލުކޮށް އެ ކްލަބުގެ ޗީފް އެގްޒެކްޓިވް އުމަރު ބެރާޑާ ބުނެފައިވަނީ ކްލަބް މާލީ ގޮތުން މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެގޮތުގެ މަތިން އިތުރު 200 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.

2019 ވަނަ އަހަރުން ފެށިގެން ފާއިތުވެދިޔަ ފަސް އަހަރުވެސް ގެއްލުން ވެފައިވާ ޔުނައިޓެޑް އިން ވަނީ މިދިޔަ އަހަރުވެސް 250 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. އުމަރު ބެރާޑާ ބުނެފައިވަނީ ފާއިތުވެދިޔަ ފަސް އަހަރުވެސް ކްލަބަށް ގެއްލުން ވެފައިވާއިރު މިކަން މިގޮތަށް އިތުރަށް ނުކުރެވޭނެ ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވަޒީފާތައް މަދު ކުރުމުގެ އިތުރުން އޯލްޑް ޓްރެފަޑްގެ ކެންޓީންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ދެމުން އައި ކެއުންތައް ހުއްޓާލުންވެސް ހިމެނެ އެވެ. އަދި މި ކަމުގެ ސަބަބުން އަހަރަކު 1.26 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވޭނެކަމަށްވެސް އެ ކްލަބުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޯލްޑް ޓްރެފަޑްގައި އުޅޭ ބައެއް މުވައްޒަފުން އެ ކްލަބުގެ ޓްރެއިނިންގ ފެސިލިޓީ އަށް ބަދަލު ކުރުމުގެ އިތުރުން އެގްޒެކްޓިވް ބޯނަސްގެ ގޮތުގައި ކުރިން ދެމުން އައި އަދަދުތައް އަލުން ބެލުމަށްފަހު އެ އަދަދު ކުޑަކުރުންވެސް ހިމެނެ އެވެ.

އަދި ޗެރިޓީގެ ގޮތުގައި އެކްލަބުން މީގެ ކުރިން ހޭދަކުރަމުން އައި އަދަދުތައް ކުޑަކޮށް އެއީ ހަމައެކަނި މެންޗެސްޓަރ ޔުނައިޓެޑްގެ ފައުންޑޭޝަނުން ކުރާކަމެއްގެ ގޮތުގައި ބަދަލު ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

މިދިޔަ ހަފްތާގައި މެންޗެސްޓަރ ޔުނައިޓެޑް އިން ހާމަކޮށްފައިވާ ގޮތުގައި ދެވަނަ ކުއާޓަރ ގައި އެ ކްލަބަށް 7.8 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއްވަނީ ވެފަ އެވެ.

އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް މެންޗެސްޓަރ ޔުނައިޓެޑްގެ މައި ހިއްސާދާރަކަށް ވެފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން 1.25 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށްފަހުގަ އެވެ.

މިދިޔަ އަހަރު ޕްރިމިއާ ލީގުގެ އަށް ވަނައިގައ އޮވެ ލީގު ނިންމާލިއިރު މި ސީޒަނުގައި އަދި އެ ކްލަބު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.