ޚަބަރު

ހުޅުމާލޭގައި ހުޅުވި ވަގުތީ ޕާކިން ސަރަޙައްދާއެކު ރަމަޟާންމަހު ޕާކުކުރުމަށް ލުއިފަސޭހަތަކެއް ލިބޭނެ: ވަޒީރު އަމީން


  • ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ވިދާޅުވި

  • މިއަދު ހުޅުވާލި ސަރަޙައްދުގައި 100 އެއްހާ ކާރަށް ޕާކުކުރެވޭނެ

ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ޤާއިމުކުރި ވަގުތީ ޕާކިން ސަރަޙައްދާއެކު، ޕާކު ކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތާކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެވެ. މި ތަން ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ މަސްޖިދުލް ވާލިދައިން ކައިރީގައެވެ.

ދަތުރު ފަތުރާއި މަދަނީ އުދުހުންތާކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެޕިކްގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ 1 އަހަރު ތެރޭ ކުރެވުނު މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ގިނަ ދުވަސް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ހުރި އުޅަނދުތައް ނެގުމާއި، ގަވައިދާ ޚިލާފަށް ޕާކު ކުރުމާއި ސުކޫލް އަދި މިސްކިތް ފަދަ ތަންތަނަށް އުނދަގޫވާގޮތަށް އުޅަނދު ޕާކު ކުރުމުގެ މައްސަލަ ހައްލުކުރުމަށް ކަމާގުޅުން ހުރި އިދާރާތަކާއެކު މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހު ޕާކިންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުވިގެން ދިޔަ މި ބިމުގެ ސަބަބުން ޕާކިިންއަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ މިހާރުވެސް ހުރިހާ ބޭފުޅުން ދެއްވަމުން ގެންދަވާގޮތަށް މި މައްސަލަ ހައްލުކުރުމަށް އެއްބާރުލުން ދިނުން. ކުރިއަށް އޮތްތާނގައި މިހާރު އޮތް ހާލާތުން އެހެން ހާލާތަކަށް ބަދަލުވެ، އަދި ދާއިމީ ގޮތުން ޕާކު ކުރާނެ ނިޒާމެއް ސަރުކާރުގެ ޕްލޭނާއި އެކީގައި ކުރިއަށް ގެންދެވޭނެ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ޕާކިންގެ މައްސަލަ އޮތީ ވަރަށް ގޯސްކޮށްކަމަށެވެ. އެގޮތުން މިއީ ދާއިމީ ހައްލެއް ބޭނުންވާ މުހިންމުކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"ރަމަޟާންމަހަކީ އާންމުކޮށް މިސްކިތްތަކުގެ ކައިރީގައި ޕާކިންގެ މައްސަލަ ވަރަށް ބޮޑުވާ ދުވަސްވަރެއް. ސުކޫލްތައް ކުޑަ ވަގުތުކޮޅަކަށް ހުޅުވާފައި ހުއްޓަސް ވަރަށް ގިނަ ޓްރެފިކް މައްސަލަ ދިމާވޭ. އަދި ހަމަ ވިޔަފާރި ކުރަމުން ބަޒާރު ކުރަމަށް މިއުޅޭ މައްސަލަ ހަމަ ގިނަވޭ. ވީމާއި ރަމަޟާންމަހަށް ޚާއްސަކޮށް ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ. މިތަނަށް ގާތްގަނޑަކަށް 100އެއްހާ ކާރު ޕާކު ކުރެވޭނެ" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، ރަމަޟާން މަހަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް މަސައްކަތް ކުރިއަށް ގެންދާ މަހެއްކަމަށެވެ. އެގޮތުން މި އަހަރުވެސް މާލެ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މީހުން އެހެން އަހަރުތަކާއި އެއްގޮތައް މީހުން އާންމުކޮށް ގޮސް އުޅޭ ތަންތަނުގެ ޓްރެޕިކް ބެލެހެއްޓުމަށް ފުލުހުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެކަމަށެވެ.

"މިއަދު ހުޅުމާލޭގައި ޚާއްސަކޮށް ވަގުތީ ގޮތުން ޕާކު ކުރުމަށް ކަނޑައެޅި ސަރަޙައްދަކީ ރަމަޟާންމަހަށް އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ލިބިގެން ދިޔަ ފަސޭހައެއް. ހުޅުމާލެ މާލެއަށް ގިނަ ބަޔަކު ޒިޔާރަތް ކުރޭ. އަޅުގަނޑުމެން މަގުތައް އަމާންކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން." ޝުޖާއު ވިދާޅުވިއެވެ.

ގުރޭޓަރ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޓެރްފިކް މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުންނާއި ރަމަޟާން މަހަށް ޚާއްޞަކޮށް ހުޅުމާލޭ ފޭސް 1 ގައި ވަގުތީ ޕާކިންގ ސަރަޙައްދެއް ޤާއިމުކޮށް ޢާންމުންނަށް ވަނީ ހުޅުވާލެވިފައިއެވެ. މިކަމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ފައިމަގުގައި އުޅޭ ފަރާތްތަކާއި ދުއްވާ އެއްޗެހި ދުއްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.