ކުޅިވަރު

އޮސްޓްރޭލިއާ އާއި ދެކުނު އެފްރިކާގެ މެޗު ފެނަށް


ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އޮސްޓްރޭލިއާ އާއި ދެކުނު އެފްރިކާގެ މެޗު ވާރޭގެ ސަބަބުން ނުކުޅެ ނިންމާލައިފިއެވެ.

ޕާކިސްތާނުގައި ކުރިއަށްދާ މުބާރާތުގައި މިއަދުގެ ކުޅެން އޮތް މެޗު ހުއްޓާލީ މެޗުގެ ޓޮސް ކުރި ވަގުތުން ފެށިގެން ވާރާ ވެހި މެޗު ކުރިއަށް ނުގެންދެވުމުންނެވެ. އެއިރު މެޗުގައި އެންމެ ބޯޅައެއް ވެސް އުކާފައިނުވެ އެވެ. މިއަދަކީ ޕާކިސްތާނަށް ވަރަށް ވިއްސާރަ ދުވަހެކެވެ.

މެޗު ހުއްޓާލުމުގެ ސަބަބުން ދެ ޓީމަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި މެޗު އެއްވަރުވުމުގެ ސަބަބުން މި ގްރޫޕުން ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައަޅަން ވަނީ އެންމެ ފަހު މެޗުތަކަށް އިންތިޒާރު ކުރަން ޖެހިފަ އެވެ. ގްރޫޕް ބީގައި ހިމެނޭ މި ދެ ޓީމާއި އިންގްލޭންޑާއި އަފްގާނިސްތާނަށް ވެސް ސެމީ ފައިނަލުގެ ފުރުސަތު އެބައޮތެވެ.

މި މަހުގެ 19 އިން އަންނަ މަހުގެ އަށަކަށް ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލަށް މިހާރު ދަތުރުކޮށްފައިވަނީ ދެ ގައުމެކެވެ. އެއީ ގްރޫޕް އޭގައި ހިމެނޭ އިންޑިޔާ އާއި ނިއުޒީލޭންޑެވެ. މުބާރާތުން ކަޓާފައިވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ އެންމެ ފަހުގެ ޗެމްޕިއަން ޕާކިސްތާނާއި ބަނގްލަދޭޝް އެވެ.