ދަތުރުކުރަން ނުޖެހި އެއް ދަނޑެއްގައި ހުރިހާ މެޗެއް ކުޅެން އިންޑިއާއަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފައިދާއެއް ކަމަށް އިންގްލަންޑުގެ ކުރީގެ ކެޕްޓަން ނަސީރު ހުސައިން ބުނެފިއެވެ.
އޭނާ މިހެން ބުނީ ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ މެޗުތައް ކުރިއަށްދާ ގޮތުންނެވެ.
އަށް ގައުމު ވާދަކުރާ މުބާރާތުގައި އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅެން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ނިންމާފައިވަނީ ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމުގަ އެވެ. މި ގޮތަށް ނިންމީ ޕާކިސްތާނަށް އިންޑިޔާގެ ޓީމު ނުފޮނުވަން އިންޑިޔާ ސަރުކާރުން ނިންމުމުންނެވެ.
ނަސީރު ހުސައިން ބުނީ އެއް ދަނޑެއްގައި ކުޅެން ޖެހުމުން އިންޑިޔާ އަށް އެޑްވާންޓޭޖް ލިބެނީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ކަމަށެވެ.
"އެމީހުން ދަނޑަށް ފަރިތަވާނެ. އެމީހުން ދަތުރު ކުރާކަށް ނުޖެހޭނެ. ދަތުރު ކުރުމުން ކުރިމަތިވާ ލޮޑުކަމާއި ވަރުބަލިކަމުން އެމީހުން ދުރުކޮށްދޭނެ. އެމީހުންނަށް ހަމަޖެހިގެން އަރާމު ކުރަން ގިނަ ވަގުތު ލިބޭ، މިފަދަ ކިތަންމެ ކަމެއް އެބަހުރި އެމީހުންނަށް މި މުބާރާތުން އެޑްވާންޓޭޖް ލިބޭ،" ނަސީރު ހުސައިން ބުންޏެވެ.
އޭނާ ބުނީ މުބާރާތް ބާއްވަނީ ޕާކިސްތާނުގައި ކަމުގައިވާއިރު އިންޑިޔާ އެހެން ގައުމެއްގައި ކުޅުމަކީ އިންސާފުވެރި ނިންމުމެއްނޫން ކަމަށެވެ.
"އެންމެ މޮޅު ޓީމަށްތަ އެޑްވާންޓޭޖް މި ލިބެނީ. އަހަރެން ދެކުނިން ޓުވީޓެއް ޕާކިސްތާނަކީ މުބާރާތް ބާއްވާ ގައުމު ކަމަށް. އެކަމަކު ހޯމް އެޑްވާންޓޭޖް ލިބެނީ އިންޑިޔާ އަށް ކަމަށް. މިއީ ހަގީގަތެއް ކަމަށް އަހަރެން ދެކެން. އެމީހުން އެތިބެނީ އެއް ތަނެއްގައި. އެއް ހޮޓަލެއްގައި. އެމީހުން ތަނަކަށް ދަތުރެއް ކުރާކަށް ނުޖެހޭ. އެމީހުން އެތިބެނީ އެއް ކޮޓަރިއެއްގައި. އެމީހުންނަށް ދަނޑު އެބައެނގޭ. އެމީހުންނަށް ދަނޑުގެ އުނިކަންކަން ދަސްކުރަން ވެސް ފުރުސަތު އެބަ ލިބޭ،" ނަސީރު ބުންޏެވެ.
އޭނާ އަދި ބުނީ މިފަދަ އެޑްވާންޓޭޖްތަކެއް އިންޑިޔާ އަށް އެކަނި ލިބިފައިވުމުން އެހެން ޓީމުތަކަށް އޭގެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ހުރި މުބާރާތްތައް ބާއްވާއިރު އައިސީސީން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.