ކުޅިވަރު

ފުޓްސަލް ރަސްކަން ކާށިދޫން ހޯދައިފި


ގޯލްޑަން ފުޓްސަލް ތަށި ކާށިދޫން އުފުލާލައިފިއެވެ. ރާއްޖޭގެ 128 ރަށުން ވާދަކުރި ގޯލްޑަން ފުޓްސަލް ޗެލެންޖް ކާށިދޫ ކާމިޔާބުކުރީ މުބާރާތުގެ ފައިނަލްގައި ހދ. ނައިވާދޫ 4-1 ބަލިކޮށްގެންނެވެ.

ކާށިދޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ އަތޮޅު ފައިނަލް އަދި ޒޯން ފައިނަލްގައިވެސް ނާކާމިޔާބީ އާއި ކުރިމަތިލުމަށްފަހުއެވެ. މިއީ އަތޮޅު ތަށި އަދި ޒޯން ތަށީގައިވެސް އައްޖައްސާލުމުގެ ޝަރަފު ނުލިބި މުޅި ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމެވެ.

ގޯލްޑެން ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީވެސް ކާށިދޫންނެވެ. މި ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި ޖަހައިދިނީ އަޖުލާން އަބްދުލް ހައްނާނެވެ. އޭގެ 4 މިނެޓު ފަހުން މެޗުގެ 7 ވަނަ މިނެޓުގައި ނައިވާދޫން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރީ އަހުމަދު ހަމީދު ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފް ދެ ޓީމް އެއްވަރުވެގެން އޮވެ ނިމެންދަނިކޮށް ކާށިދޫން ވަނީ ދެ މިނެޓު ތެރޭ ދެ ލަނޑު ޖަހާ މެޗުގެ އޮއެވަރު އެއްކޮށް ބަދަލުކޮށްލާފައެވެ. މެޗުގައި ދެވަނަ ފަހަރަށް ކާށިދޫއަށް ލީޑު ނަގައިދިނީ އަބްދުﷲ ސުޒެއިރެވެ. އަދި ނަތީޖާ އިތުރަށް ފުޅާކޮށްދިނީ އަޖުލާން މެޗުގައި ޖަހައިދިން ދެވަނަ ލަނޑުންނެވެ.

ދެވަނަ ހާފްގައި ކުޅެން ނުކުމެ ނައިވާދޫން ކުޅުން ރަނގަޅުކޮށް ކާށިދޫގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި މުހައްމަދު ސަލީލް ވަނީ މޮޅު ކުޅުމެއް ދައްކާ ނައިވާދޫގެ ހުރިހާ ހަމަލާތަކެއްވެސް ދިފާއުކޮށްފައެވެ. މެޗުނިމެން 2 މިނެޓަށް ވެފައިވަނިކޮށް ކާށިދޫއަށް މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދި ސުޒެއިރެވެ.

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ފައިނަލް މެޗުގައި ދެ ލަނޑު ޖެހި އަޖުލާން އާއި ސުޒެއިރުގެ އިތުރުން މުބާރާތުގެ ފައިނަލާއި ހަމައަށް ނައިވާދޫ ގެނަސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަހުމަދު ހަމީދާއި ޔާމިން މުހައްމަދު އަދި ގދ. ވާދޫ ޓީމުގެ ކެޕްޓަން އަހުމަދު އަޔާޒްއެވެ.

މުބާރާތުގެ އެންމެ އުއްމީދު ކުޅުންތެރިއާގެ މަގާމް ހޯދީ ކާށިދޫ ޓީމުގެ އިސްމާއިލް ރަޔާންއެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމް ކާށިދޫ ޓީމުގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) ހޯދިއިރު މުބާރާތުގެ ފެއަރ ޕްލޭ ޓީމުގެ މަގާމްވެސް ހޯދީ ކާށިދޫންނެވެ.

އެންމެ ގިނަ ލަނޑު ޖަހާ ރަން ބޯޅަ ހޯދީ ނައިވާދޫ ޓީމުގެ މުހައްމަދު ޝައިންއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއެކު ކިންގް އޮފް ފުޓްސަލްގެ ޝަރަފް ހޯދާފައިވަނީ ކާށިދޫ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ސަލީލްއެވެ. މިއީ މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ގޯލްކީޕަރެއް ހޯދި ފުރަތަމަ ފަހަރެވެ.