އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން އެސްޓަން ވިލާ 4-1 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ.
މި މެޗުން ކްރިސްޓަލް ޕެލަސް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅޫނު 27 މެުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލުގެ 12 ވަނަ މަގާމު ލިބިފަ އެވެ. އެސްޓަން ވިލާއަށް 28 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި އެ ޓީމުގެ އިސްމާއިލާ ސާރ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ކްރިސް ރިޗަޑް ބޮލުން ފޮނުވާލި ހަމަލަ އެސްޓަން ވިލާގެ ގޯލުކީޕަރ އެމިލިއާނޯ މާޓިނޭޒް ބްލޮކްކޮށް ފޮނުވާލުމުން އެ ބޯޅަ ދެވަނަ ފަހަރަށް ފޮނުވާލައިގެން އިސްމައިލާ ސާރ ވަނީ ލީޑު ނަގާފަ އެވެ.
އަމިއްލަ ދަނޑުގައި މީގެ ކުރިން ކްރިސްޓަލް ޕެލަސްއަށް ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވި ނަމަވެސް ރޭގެ މެޗުގައި އެސްޓާން ވިލާ އާއި ދެކޮޅަށް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ޕެލަސް އިން ލަނޑެއް ޖަހާ ކުރި ހޯދި ފަހުން އެސްޓަން ވިލާއިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ވިލާއިން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެނިންމުން ބަދަލުކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އޮލީ ވޮޓްކިންސް ދިން ބޯޅަ އަކުން މޯގަން ރޮޖާސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ޖޯން ޕިލިޕް މަޓޭޓާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ދެވަނަ ފަހަރަށް ކްރިސްޓަލް ޕެލަސް އަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 12 ވަނަ ލަނޑެވެ.
އަދި މެޗުގެ 71 ވަނަ މިނިޓުގައި އިސްމައިލާ ސާރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މެޗުގައި ކްރިސްޓާލް ޕެލަސް އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޑީ އެންކޭޓިއާ އެވެ.
މި މެޗަށް ނިކުތްއިރު އެސްޓަން ވިލާގެ ކޯޗު އުނެއި އެމެރީ ވަނީ އެ ޓީމު އާންމުކޮށް ކުޅެމުންދާ ފޯމެޓް ބަދަލުކޮށް ފަހަތަށް ތިން ޑިފެންޑަރުން ލައިގެން މެޗު ފަށާފަ އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އޭނާ ވަނީ އެ ޓީމު ކުޅެމުންދިޔަ ފޯމެޓް ދެވަނަ ހާފުގައި ބަދަލުކޮށް ފަހަތަށް ހަތަރު ޑިފެންޑަރުން ލައިގެން ކުޅެން ފަށާފަ އެވެ.