ހއ. އުތީމުގައި ހުރި ތަރިކަތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް، ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާތައް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ބައެއް ކަންކަންކުރުމަށްޓަކައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުތީމު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަނީ އުތީމުގައި ހުރި ޒަމާންވީ ތަރިކަތަކައް ފާހަގަކުރައްވައި އެތަރިކަތައް ބެލެހެއްޓުމުގައި އުތީމު ރައްޔިތުން ކުރައްވާފައިވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ދިވެހި ޤައުމިއްޔަތު އިޢާދާކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ތަރިކަތައް ރައްކާތެރިކޮށް ބަލަހައްޓައި، އެ ތަރިކަތަކުން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް ޚާއްސަ އިސްކަމެއްދެވޭނެ ކަމަށެވެ. އެ ގޮތުން އުތީމުގައި ހުރި ތަރިކަ ބޭނުންކޮށްގެންވެސް ތަރިކައިގެ ފަތުރުވެރިކަމެއް ކުރުމުގެ މަސައްކަތްތައް ފެށޭނެކަމަށް ވިދާޅުވިއެވެ.
އުތީމަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ އާސާރުތަކާއި ތަރިކަ ހުރި ރަށެކެވެ. މި ރަށަކީ 1558 ވަނަ އަހަރު ރާއްޖެ އަޅުވެތިކުރި ޕޯޗުގީޒުންގެ ކިބަައިން ރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙަައްމަދު ތަކުރުފާނުލް އަޢުޒަމްގެ އުފަން ރަށެވެ. އެ ތަކުރުފާނުގެ ހަނދާންތަކާ ގުޅިފައިވާ އެތައް އާސާރުތަކެއް މި ރަށުގައި ހުރެއެވެ. އޭގެތެރޭގައި މުޙައްމަދު ތަކުރުފާނު ދިރިއުޅުއްވި ގަނޑުވަރުކޮޅު ހިމެނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވަނީ އުތީމުގައި ހުރި ތަރިކަތައް، ޚާއްސަކޮށް އުތީމު ގަނޑުވަރު ރައްކާތެރިކޮށް ބެލެހެއްޓުމުގައި ހުރި ދަތިތައް ވަޒީރާ ހިއްސާކުރައްވާފައެވެ. އެ ގޮތުން ގަނޑުވަރު ބަލަން ވަނުމުގެ އަގު މަތިކުރަންޖެހޭކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އުތީމު ގަނޑުވަރު ބަލަން ވަދެވެނީ 20 ރުފިޔާއެވެ.
މީގެ އިތުރުން ގަނޑުވަރު ހިމެނޭ ސަރަހައްދު އިތުރަށް ސާފުކުރަންޖެހޭ ކަމަށާއި ގަނޑުވަރުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހިމް ހއ. އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބާރަށާއި ތަކަންދޫއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.