ކުޅިވަރު

އަފްޣާނިސްތާން 8 ލަނޑުން އިނގިރޭސިން ކަޓުވާލައިފި


މެޗުގެ އެންމެ ފަހު ހިފުމަކަށްވީ އިނގިރޭސި ޓީމުގެ ރާޝިދު ޖެހި ބޯޅަ އަޒްމަތުﷲ އޮމަރްޒާއީ ހިފުމެވެ. މިއާއެކު ޕާކިސްތާނުގެ ލާހޯރު ސްޓޭޑިއަމުގައި ތިބި އަފްގާނިސްތާންގެ ސަޕޯޓަރުން އެކަކު އަނެކަކަށް ސަލާމްކޮށް، ނަށައި އުފާފާޅު ކުރަން ފެށި އެވެ.

އޭގެ ސަބަބަކީ އެ ބޯޅައާއެކު ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލަށް އިނގިރޭސިން ކަޓުވާލުމަށްފަހު އަފްގާނިސްތާން ސެމީ ފައިނަލުގެ ހުވަފެން ދެކެން ފެށުމެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާ އަތުން ބަލިވި އިނގިރޭސިން މި މެޗުގައި ފުރަތަމަ ޖެހުނީ އުކާށެވެ. އެއީ މެޗުގެ ޓޮސް ދިމާވުމުން އަފްގާނިސްތާން ބެޓް ކުރަން ނިންމުމުންނެވެ.

އެ ގައުމުން އެންމެ ރަނގަޅަށް ބެޓް ކުރީ 177 ލަނޑު ހެދި އިބްރާހީމެވެ. އޭނާ މި އަދަދު ހަމަކުރީ 146 ބޯޅައިންނެވެ. މީގެ އިތުރުން ހަޝްމަތުﷲ އާއި ނާބީ ވެސް ކޮންމެ ކުޅުންތެރިއަކަށް 40 ލަނޑު ހެދި އެވެ. 50 އޯވަރުގެ އިނިންގްސް އަފްގާނިސްތާން ނިންމާލީ ހަތް ވިކެޓަށް 325 ލަނޑު ހަމަކޮށްފަ އެވެ.

ޖަވާބުގައި ކުޅެން ނުކުމެ އިނގިރޭސި ޓީމުން ކިރިޔާ ވެސް ކަމެއް ކުރެވުނީ 120 ލަނޑު ހެދި ރޫޓަށެވެ. 111 ބޯޅައިން އޭނާ މިއަދަދު ހަމަކުރިއިރު ދެން ތިބި ކުޅުންތެރިންނަށް 40 ވެސް ހަމަނުކުރެވުނެވެ. އިނގިރޭސީން ކެޓީ 50 އޯވަރު އުކައި ނިމުނުއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ވެސް އަފްގާނިސްތާނާ އަރާ ހަމަނުކުރެވުމުންނެވެ. އެ ގައުމަށް ހެދުނީ އެންމެ 3127 ލަނޑެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަފްގާނިސްތާނުގެ އޮމަރްޒާއީ އެވެ. އޭނާ ވަނީ ޖުމުލަ ފަސް ވިކެޓް ނަގައިފަ އެވެ.

އިނގިރޭސިންނަކީ މުބާރާތުން ކެޓި ތިން ވަނަ ގައުމެވެ. މި މުބާރާތުން އެންމެ ފުރަތަމަ ކެޓީ މުބާރާތް ބާއްވާ ގައުމު ޕާކިސްތާނެވެ. އޭގެ ފަހުން ބަނގްލަދޭޝް އެވެ. އަފްގާނިސްތާނަށް ދެ ޕޮއިންޓް ލިބިފައިވާއިރު ސެމީ ފައިނަލަށް ދެވޭނީ ގްރޫޕް ބީގެ ފަހު މެޗުގައި އޮސްޓްރޭލިޔާ ބަލިކޮށްގެންނެވެ. މި ގްރޫޕުގައި ހިމެނޭ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ސަބަބަކީ އިއްޔެ މި ދެ ގައުމު ބައްދަލުކުރި މެޗު ވާރޭ ވެހުމުގެ ސަބަބުން ހުއްޓާލުމާ ގުޅިގެން ކޮންމެ ބަޔަކަށް ވެސް ޕޮއިންޓެއް ލިބިފައިވުމެވެ. ގްރޫޕް އޭއިން ސެމީ ފައިނަލަށް ދަތުރުކުރީ ދުބާއީގައި މެޗުތައް ކުޅޭ އިންޑިޔާ އާއި ނިއުޒީލޭންޑެވެ.

މި މުބާރާތް ޕާކިސްތާނުގައި ބޭއްވި ނަމަވެސް އިންޑިޔާ ފައިނަލަށް ހިނގައްޖެނަމަ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމުގަ އެވެ. ސަބަބަކީ ޕާކިސްތާނަށް އިންޑިޔާގެ ގައުމީ ޓީމު ނުފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމާފައިވުމެވެ.