ކުޅިވަރު

ޑިފެންސް ދަށަސް ބާސެލޯނާގެ ސްޓައިލް ބަދަލެއް ނުކުރާނަން: ކޯޗު


ޑިފެންސިވްކޮށް އޭނާގެ ޓީމުގައި އުނިކަންކަން ހުރި ނަމަވެސް ޓީމުގެ އެޓޭކިން ސްޓައިލް ބަދަލު ނުކުރާނެ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕެނިޝް ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގައި އެތްލެޓިކޯ މެޑްރިޑާ ބައްދަލުކޮށް 4-4އިން އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. މި މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ އެތްލެޓިކޯ މެޑްރިޑެވެ. އޭގެ ފަހުން ބާސެލޯނާއިން ފަހަތުން އަރައި ހަތަރު ގޯލު ޖަހާފައިވަނިކޮށް މެޗު އެއްވަރުވީ ފަހު ފަސް މިނިޓާއި އިތުރު ވަގުތުގައި އެތްލެޓިކޯ ޖެހި ގޯލުތަކުންނެވެ.

ފްލިކް ބުނީ އޭނާގެ ޓީމު ކޮޅަށް ފަހު ވަގުތު ވަރަށް ގިނަ މެޗުތަކުގައި ގޯލުތައް ވަދެފައިވާ ކަމަށާއި އެކަން އެގޮތަށް ދިމާވަނީ ތަފާތު ސަބަބުތަކާހެދި ކަމަށެވެ. މި ގޮތުން އެއް ސަބަބަކީ މުޅި ޓީމުގެ ވަރަށް ޒުވާން ވެފައި ތަޖުރިބާ މަދުވުން ކަމަށެވެ.

"މި ޓީމަކީ ވަރަށް ޒުވާން ޓީމެއް. ވަރަށް ޒުވާން ކުޅުންތެރިން ޓީމުގައި ގިނައިން މި ތިބީ. މީގެ ސަބަބުން ކުޅުންތެރިންގެ ތަޖުރިބާ މަދުވީމަ ބައެއް ފަހަރު މާ އަވަހަށް މެޗު ނިންލެވޭ. ނޫނީ މޮޅުވީ ކަމަށް ހީކޮށް ދޫކޮށްލެވެނީ. އޭގެ ފައިދާ އިދިކޮޅު ޓީމުތަކުން ނަގާ. ނަމަވެސް މިއީ ރަނގަޅު ކުރަންޖެހޭ ކަމެއް،" ކޯޗު ބުންޏެވެ.

ޖަރުމަނުގެ ގައުމީ ޓީމާއި އެ ގައުމުގެ ބަޔާން މިއުނިކަށް ވެސް ކޯޗުކޮށްދިން ފްލިކް ބާސެލޯނާއާ ހަވާލުވީ މި ސީޒަނުގަ އެވެ. އޭނާ ކުޅުވަނީ ވަރަށް އެޓޭކިން ގޭމެކެވެ. މިކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ފްލިކް ބުނީ ބައިކޮޅަށް ގޯލުތަކެއް ވަނަސް އޭނާގެ އެޓޭކިން ސްޓައިލް ބަދަލު ކުރަން ނުވިސްނާ ކަމަށެވެ.
"ބާސެލޯނާ އަކީ އެޓޭކިން ފުޓްބޯޅަ ކުޅޭ ޓީމެއް. ޓީމުގެ ސަޕޯޓަރުން ވެސް ބޭނުންވަނީ އެ ޓޭކިން ފުޓްބޯޅަ ކުޅެން. އަދި އަހަރެން ވެސް ގަބޫލެއް ނުކުރަން ބައިކޮޅަށް ގޯލު ވަނުމަކީ ސްޓައިލް ބަދަލުކޮށް ފަހަތަށް ފައިބަންޖެހޭ ސަބަބެއް ކަމަށް،" ކޯޗު ބުންޏެވެ.

ބާސެލޯނާ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ އެއްވަނާގަ އެވެ. އަދި ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ކުޅެން ޖެހޭނީ އެތްލެޓިކޯގެ ދަނޑުގަ އެވެ. މި ސީޒަނުގައި ބާސެލޯނާ މިހާރު ވަނީ ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މިހެންވެ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި މެނޭޖްމަންޓުން ވެސް ކޯޗަށް ވަރަށް ބޮޑަށް އިތުބާރު ކުރެ އެވެ.