ޚަބަރު

މެގުއާގެ ލަނޑުން ޔުނައިޓެޑް ސަލާމަތްވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސްވިޗް ޓައުން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުގައި ހެރީ މެގުއާ ކާމިޔާބުކޮށްދިން ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމު ލިބިފަ އެވެ. އިޕްސްވިޗަށް ލިބިފައިވާ 17 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.

އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި އިޕްސްވިޗްގެ ޖޭޑަން ފިލޮޖީން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 22 ވަނަ މިނިޓުގައި އިޕްސްވިޗްގެ މިޑްފީލްޑަރ ސޭމް މޯސީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޔުނައިޓެޑް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން މެތިއުސް ޑިލައިޓް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި މެންޗެސްޓަރ ޔުނައިޓަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 43 ވަނަ މިނިޓުގައި އެ ޓީމުގެ ޕެޓްރިކް ޑޯގޫ އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ އިޕްސްވިޗުގެ އޮމަރީ ހަޗިންސަން އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހުގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ޑޯގޫ އަށް ރަތް ކާޑު ދެއްކުމާއިއެކު އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ވަނީ އޭގެ ދެ މިނިޓު ފަހުން އަލެހަންދްރޯ ގަރްނާޗޯގެ ބަދަލުގައި ނުސެއިރު މަޒްރައޯއީ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލާއި ގުޅިގެން ގަރްނާޗޯގެ ފަރާތުން ހިތްހަމަ ނުޖެހުންތަކެއް ފެނިގެންދިޔަތަން ވަނީ ފެނިގެންގޮސްފަ އެވެ.

ޔުނައިޓެޑް އިން އެއް ކުޅުންތެރިއަކު މަދުން ކުޅެން ފެށުމުގެ ފައިދާ ނަގާ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިޕްސްވިޗް އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފިލޮޖީން އެވެ.

މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑިފެންޑަރ ހެރީ މެގުއާ އެވެ.

މިއީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ރުބެން އަމޮރިމް ހަވާލުވުމަށްފަހު އެ ޓީމު އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން މޮޅުވި ތިންވަނަ ފަހަރެވެ.