ކުޅިވަރު

މޮރީނިއޯ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި


ތުރުކީގެ ފެނަބާޗޭ އަށް ކޯޗުކޮށްދޭ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ހަތަރު މެޗަށް ސަސްޕެންޑްކޮށް 35000 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.

އޭނާ ސަސްޕެންޑްކުރީ ތުރުކީ ލީގުގައި ފެންބާޗޭ އާއި ވާދަވެރި ގަލަޓަސަރާއީ ބައްދަލުކޮށް 0-0އިން އެއްވަރުވި މެޗަށް ފަހު ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

މި މެޗުގައި ރެފްރީކަން ކުރީ ސްލޮވީނިއާގެ ރެފްރީއެކެވެ. އެއީ ތުރުކީ ރެފްރީންނާމެދު މާބޮޑަށް ޝަކުވާބޮޑުވެ، ދެ ކުލަބުން ވެސް ގައުމުން ބޭރުގެ ރެފްރީން ހަމަޖައްސަން އެދުމުންނެވެ. ނަމަވެސް މެޗުގައި ރެފްރީގެ ނިންމުންތަކާމެދު މޮރީނިއޯ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. މިހެންވެ ރެފްރީއާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތަކަށް ދިރާސާކުރުމަށްފަހު ދީފައިވަނީ ދެ މެޗުގެ ސަސްޕެންޝަނަކާއެކު 2543 ޕައުންޑުގެ ޖޫރިމަނާއެކެވެ.

ޗޭންޖިން ރޫމަވެސް ނުދެވޭ ގޮތަށް އިތުރު ދެ މެޗަށް ސަސްޕެންޑްކޮށް 32651 ޕައުންޑުން ޖޫރިމަނާކޮށްފައިވަނީ މެޗަށް ފަހު އިދިކޮޅު ޓީމާ ގުޅުވައިގެން ދެއްކި ވާހަކަކަށް ބަލާފަ އެވެ. މޮރީނިއޯ ބުނެފައިވަނީ ގަލަޓަސަރާއީގެ މީހުން ހީވީ ރާމާމަކުނުތަކެއް ފުންމައިގެންއައިހެން ކަމަށެވެ.

މިކަމާ ގުޅިގެން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. ހާއްސަކޮށް އޭނާ އަކީ ނަސްލީ އިމްތިޔާޒުތަކަށް އަރައިގަންނަ އަދި ތަފާތު ކުރުން ބޮޑު މީހެއްގެ ގޮތުގައި ވަނީ ލޭބަލް ކުރަން ފެށި އެވެ. ނަމަވެސް މިކަމަށް މޮރީނިއޯ އިންކާރުކޮށްފައިވާއިރު ފެނަބާޗޭ ވެސް ވަނީ ކޯޗުގެ ވާހަކަތަކަކީ އެފަދަ މޭރުމަކުން ދެއްކި ވާހަކަތަކެއްނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ކުލަބުން ވަނީ މި ސަސްޕެންޝަން އިސްތިއުނާފު ކުރާނެކަން ވެސް އިއުލާނުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ޗެލްސީ އާއި އިޓަލީގެ އިންޓަމިލާން އަދި ސްޕޭނުގެ ރެއާލް މެޑްރިޑަށް ވެސް ކާމިޔާބު ހޯދައިދިން ކޯޗުގެ ދިފާއުގައި އޭނާގެ ކުރީގެ ކުޅުންތެރިން ވެސް ވަނީ ބަސް ބުނަން ފަށައިފަ އެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވުނީ މޮރީނިއޯގެ ކޯޗުކަމުގައި ޗެލްސީގައި މޮޅަށް ކުޅުނު އައިވަރީ ކޯސްޓްގެ ކުރީގެ ކެޕްޓަން ޑިޑިއޭ ޑްރޮގްބާ އެވެ. އޭނާ ބުނީ މޮރީނިއޯ އަކީ އޭނާގެ ބައްޕަފަދަ މީހެއް ކަމަށާއި އެއީ ނަސްލީ ގޮތުން މީހުންާ ދިމާކުރާނެ ކޯޗެއްނޫން ކަމަށެވެ.