ބްރެޒިލްގެ ސަންޓޯސްއިން ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވި އަހަރު ރެއާލް މެޑްރިޑުން ބްލޭންކް ޗެކެއް ދިން ކަމަށް މަޝްހޫރު ފޯވާޑް ނޭމާ ބުނެފިއެވެ.
ނޭމާ 2013 ވަނަ އަހަރު ބާސެލޯނާ އަށް ސޮއިކުރީ އެ ވަގުތު ދެކުނު އެމެރިކާގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާގެ ސޮއި ހޯދުމަށް ބާސެލޯނާއާއެކު ރެއާލް މެޑްރިޑުން ވަރަށް މަސައްކަތް ކުރި އެވެ.
"އަހަރެންނަށް ސްޕޭނުގެ ދެ ކުލަބުގެ ހުށަހެޅުން ލިބުނު. ރެއާލް މެޑްރިޑުން ދިނީ ނަން ޖަހާފައި އަދަދު ނުޖަހާ އޮތް ޗެކެއް. އަހަރެން ބޭނުން އަދަދެއް ޖަހަންވީ. ވާހަކަ ދެކެވުނީ ބާސެލޯނާގެ ހުށަހެޅުމަށްވުރެ ތިން ގުނަ ބޮޑު ހުށަހެޅުމަށް ރެއާލްގެ ހުށަހެޅުން ހެދުމަށް. އެކަމަކު އަހަރެން ނިންމީ އެންމެ ރަނގަޅު ނިންމުން. އެއީ ބާސެލޯނާ އަށް ބަދަލުވުން،" ނޭމާ ބުންޏެވެ.
ބާސެލޯނާގައި ހުރެފައި އޭނާ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވީ ބާސލޯނާގެ ނުގަބޫލުގަ އެވެ. ނޭމާ ވެސް މިހާރު ބުނަނީ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެނބުރި ފުރުސަތު ލިބިއްޖެނަމަ ބާސެލޯނާ އަށް ކުޅުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ.
ޕީއެސްޖީ އަށް ފަހު ސައޫދީ އަރަބިއާގެ އަލް ހިލާލްގައި ވެސް ނޭމާ ދެ އަހަރު ކުޅުނެވެ. ނަމަވެސް އަނިޔާގެ ސަބަބުން މި ދެ އަހަރުގެ ބޮޑުބައިގައި އޭނާ ހުރީ ނުކުޅެ ފަރުވާ ހޯދުމުގަ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭނާ މިހާރު ކުޅެމުންދަނީ ކުރީގެ ކުލަބު ބްރެޒިލްގެ ސަންޓޯސް އަށެވެ. ހަ މަސް ދުވަހުގެ މި އެގްރީމަންޓް ނިމުމުގެ ކުރިން ނޭމާ މަސައްކަތް ކުރަމުންދަނީ އަލުން ބާސެލޯނާ އަށް ކުޅެވޭވަރަށް ފިޓްވުމަށް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
ނަމަވެސް ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ނޭމާ ގެންދިއުމަށް ކުރާ މަސައްކަތުގައި ކޯޗު ހަންސީ ފްލިކްގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށްވެ އެވެ. ސަބަބަކީ ނޭމާ އަށް މިދިޔަ ހަތަރު ވަރަކަށް އަހަރު ގާތްގާތުގައި އަނިޔާވުމާއި ކުޅުމަށްވުރެ ދަނޑުބޭރުގެ މައްސަލަތައް ކުޅުންތެރިޔާގެ ފަރާތުން ގިނަވެފައިވުމެވެ.