ކުޅިވަރު

ޕާކިސްތާނުގެ ކޯޗުކަން ބޭނުންނުވަނީ ފުރައްސާރަކުރާތީ: ވަސީމް އަކުރަމް


ޕާކިސްތާނުގެ ކޯޗުކަން ބޭނުންނުވަނީ އެހެން މީހުންގެ ފުރައްސާރައާ ކުރިމަތިލާން ބޭނުންނުވާތީ ކަމަށް ކުރީގެ ކެޕްޓަން ވަސީމް އަކުރަމް ބުނެފިއެވެ.

އަމިއްލަ ގައުމުގައި ބޭއްވި ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެ ފުރަތަމަ ކެޓި ގައުމަކީ ޕާކިސްތާނެވެ. މިއާއެކު ޓީމަށް އެންމެ ބޮޑަށް ފާޑުކިޔައި ހެދި ކުރީގެ އެއް ކުޅުންތެރިއަކީ ވަސީމެވެ. ދުނިޔެ ދުށް އެންމެ މޮޅު އެއް އުންތެރިޔާ އަދި ބެޓްސްމަން މިހާރު އަމާޒުވަމުންދާ ސުވާލަކީ ޕާކިސްތާނުގެ ގައުމީ ކޯޗުކަން އޭނާ ނުކުރަނީ ކީއްވެތޯ އެވެ. މި ސުވާލުގެ ޖަވާބުގައި ވަސީމް ބުނީ އެއްވެސް ކަމެއް ކޯޗު އަމިއްލަ އަށް ނިންމޭތަން ނުފެންނަ ކަމަށެވެ.

"ދެން މިހާރު އަހަރެންގެ އުމުރުން 58 އަހަރު. މި އުމުރުގައި ފުރައްސާރައާ ކުރިމަތިލާކަށް ބޭނުމެއްނޫން. އަހަރެން ދެކެފިން ޕާކިސްތާނުގެ ވަރަށް ގިނަ ކޯޗުން އޭގެ ތެރޭގައި ވަގާރު ޔޫނުސް ވެސް ހިމެނައިގެން އެއްވެސް އަސާސެއްނެތި ފާޑުކިޔާތަން. މިހެންވީމާ އެފަދަ ފާޑުކިއުންތަކާ ކުރިމަތިލާން ބޭނުންނުވަނީ،" ވަސީމް ބުންޏެވެ.

1999 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލަށް ޕާކިސްތާން ގެންގޮސްދިން ކެޕްޓަން ބުނީ ކޯޗުކަން ނުކުރި ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް ޕާކިސްތާން ފެޑަރޭޝަނުން އޭނާގެ އެހީތެރިކަމަށް އެދެފިނަމަ އިޖާބަދޭނެ ކަމަށެވެ.

"އެއްވެސް އަގަކާ ނުލައި އަހަރެން މިހުރީ ޕާކިސްތާން ކެރިކެޓް ޓީމަށް އެހީތެރިވެދޭން ތައްޔާރަށް. އަހަރެންނަށް ގޮވާލައިފިނަމަ އަހަރެން ޓީމުގެ ޕްރެކްޓިސް ތަކަށް ވެސް ގޮސްދޭނަން. ކުޅުންތެރިންނާއެކު ކޭމްޕްތަކުގައި ވެސް ހޭދަކޮށްފާނަން. މިކަމަށް މުސާރައެއް ވެސް ބޭނުމެއްނޫން،" ވަސީމް ބުންޏެވެ.

އޭނާ ބުނީ އުމުރުން މިހާރު 58 އަހަރުވުމުން ބޭނުންވަނީ އާއިލާއާއެކު ވަގުތު ހޭދަކުރަން ކަމަށާއި އެއާއެކު ގައުމީ ޓީމަށް އެހީތެރިވެދޭން އަބަދުވެސް ހުންނާނީ ތައްޔާރަށް ކަމަށެވެ.

"އަހަރެންގެ 10 އަހަރުގެ އަންހެން ކުއްޖަކު އެބަހިރި. ދެ ފިރިހެން ކުދިން އެބަތިބި. އެމީހުންނާއެކު ވަގުތު ހޭދަކުރަން ބޭނުން. މިއާއެކު ޕާކިސްތާން ޓީމުން ބޭނުންވެއްޖެނަމަ އަހަރެންނަށް މިހާރު ކުރެވޭނެ ކަމަކީ ކުޅުންތެރިންނާއެކު ވަގުތު ހޭދަކުރުން. އެމީހުންނަށް ބުނެދޭން ދިއުން. އަހަރެން މިހުރީ މިކަން ކޮށްދޭ ގޮތަށް،" ވަސީމް ބުންޏެވެ.

އޭނާ ވަނީ މި ފަހަރުގެ ޓީމުގެ އުކުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ހާއްސަކޮށް އެންމެ އިސް އުކުންތެރިޔާ ޝާހީން ޝާހު އަފްރީދީ އަށެވެ.

"އޭނާ އެއް ފެންވަރެއްގައި ބޯޅަ އުކާނެ ގޮތް ދަހެއް ނުކުރޭ. އޭނާ އަށް އެނގެނީ އެންމެ ދެ ގޮތަކަށް އުކަން. އެއީ ސީދަލަށް އުކަން ނުވަތަ ބެޓްސްމަނުގެ ފަޔަށް ބޯޅަ ފެނުޖެހޭ ގޮތަށް އުކަން އެކަނި. އޭނާ އަކަށް ނޭނގެ ބޯޅަ އަނބުރާލާފައި ބެޓްސްމަނަށް އޮޅުވާލާކަށް. ދުނިޔެ މިހާރު އޭނާ އުކާ ގޮތް ދަސްކޮށްފި. ބެޓްސްމަނުން މިހާރު ތައްޔާރުވެއްޖެ އޭނާގެ އުކުންތަކަށް ކުރިމަތިލާން. އޭނާ އަށް މިކަންކަން އެނގި އިތުރަށް ދަސްކުރަން ވެއްޖެ،" ވަސީލް އަކްރަމް ބުންޏެވެ.

ޕާކިސްތާން މުބާރާތުން ކެޓުމުން ވަސީމްގެ އިތުރަށް ކުރީގެ ގިނަ ކުޅުންތެރިން ވަނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއި މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.