ކުޅިވަރު

19 އަހަރުން ދަށުގެ ތަށި މާޒިޔާ އަށް


އީގަލްސް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ހަ ލަނޑު ޖަހައިގެން އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދައިފި އެވެ.

ވާރޭ ތެރޭގައި ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި މާޒިޔާ ކޮޅަށް ޖެހީ ފުރަތަމަ ހާފުގައި ހަ ވަން މިނިޓްހައި އީގަލްސްގެ އަޝްހަމް އިބްރާހީމް ގޯލު ޖަހައި ލީޑް ނަގައިދިނެވެ.

އެކަމަކު ފަހު ހާފު ފަށައިގެން މާޒިޔާ ގޯލު ޖަހަން ފެށީ ފަސް ވަނަ މިނިޓުން ފެށިގެންނެވެ. އީދާން އަހުމަދު މޫސާ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްދިން ފަހުން އަނޫފް އަބްދުﷲ ދެ ލަނޑު ޖަހައި ލީޑް ހޯދައިދިނެވެ. އޭގެ ފަހުން ނައްސާހް އިބްރާހީމް ނާސިރު ރީތި ގޯލެއް ޖަހައިދީފައިވަނިކޮށް ފަހު ދެ ލަނޑު ޖެހީ މުހައްމަދު އިލާން އިމްރާނެވެ. އޭނާ އަމީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

އޭނާއާއެކު މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ އޮޑި ސްޕޯޓްސް ކުލަބުގެ މުހައްމަދު ރަމާލް އާއި މާޒިޔާގެ ކެޕްޓަން އީދާން އަހުމަދު މޫސާ އާއި އަލްސަން އިބްރާހީމާއި އަހުމަދު ހަމީޝް އަރީފް އާއި އަނޫފް އަބްދުﷲ އާއި އީގަލްސްގެ ކެޕްޓަން މުހައްމަދު ޝަމްހާދާއި އަޝްހަމް އިބްރާހީމް މުހައްމަދާއި ޒަހްރާން ހަސަން ޒިޔާދާއި މުހައްމަދު އައިމަން ހަސަން އާއި ޓީސީގެ ނާއިލް ޔޫސުފެވެ.

މި މުބާރާތާއެކު މި އަހަރު އެފްއޭއެމުން ވަނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށާއެކު ޖުމުލަ ހަޔަތު މުބާރާތް ބާއްވައިފަ އެވެ.