ކުޅިވަރު

ބަދުނަސީބާ މަތިނުކޮށް ކުރަންވީ ކަމަކީ ކުޅުން ރަނގަޅުކުރުން: ކޮންސެސާއޯ


އިޓާލިއަން ލީގުގައި ލާޒިއޯއާ ދެކޮޅަށް އޭސީ މިލާން ނުކުންނާނީ މޮޅު ކުޅުމެއް ދައްކައި، މެޗު ކާމިޔާބުކުރަން ކަމަށް އެ ޓީމުގެ ކޯޗު ސާޖިއޯ ކޮންސެސާއޯ ބުނެފިއެވެ.

ކޮންސެސާއޯ ބުނީ މެޗުގައި ހެދޭ ގޯސްތައް ބަދުނަސީބާ މަތިކުރުންވެސް މިހާ ހިސާބުން ނިމުނީ ކަމަށެވެ.

ފާއިތުވި ހަފުތާގައި މިލާނުން ވަނީ ލީގުގައި ޓޮރީނޯ އަދި ބޮލޯނިއާ އަތުން ޖެހިޖެހިގެން ބަލިވެފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ފެޔަނޫޑާ ދެކޮޅަށް މިލާނުން ކުޅުނު މެޗުގައިވެސް އެ ޓީމު ވަނީ 1-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެފައެވެ.

"ނިމިދިޔަ މެޗުތަކުގައި ދިމާވި މައްސަލަތައް އަހަރުމެންނަށް އިނގޭ. ބައެއް ކަންކަމަކީ އަމިއްލައަށް ހެދުނު ގޯސްތައް. އަނެއްބައި ކަންކަމަކީ އަހަރުމެންގެ ކޮންޓްރޯލުގެ ބޭރުން ހިނގައިދިޔަ ކަންކަން" ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޮންސެސާއޯ ބުންޏެވެ.

މެޗުގައި ހެދޭ ގޯސްތައް ބަދުނަސީބާއި މަތިކުރުން މިހާ ހިސާބުން ނިމުނީ ކަމަށާއި، ދެން ކުރާނެ ކަމަކީ ކުޅުމުގެ ތެރެއިން ހެދޭ ގޯސްތައް ދެނެގަނެ، އެކަންކަން އިސްލާހުކުރުން ކަމަށްވެސް ކޮންސެސާއޯ ބުންޏެވެ. އަދި ނަތީޖާ ނެރުމަށް ގަދައަޅައި މަސައްކަތްކުރަންވީ ވަގުތު ޖެހުނީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިލާނުން އިޓާލިއަން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އައި އުންމީދުތައް ފެނަށް ވެގެންދިޔައީ ބުރާސްފަތި ދުވަހުގެރޭ ބޮލޯނިއާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

"ކުޅުމަށް ބަދަލުތަކެއް ގެންނަން ޖެހޭ. މޮޅުވާން ބޭނުންނަމަ ޓީމުގެ ހަލުވިމިނަށާއި، އަމާޒަށް ބޯޅަޖެހުމަށާއި، އަވަސްކުޅުމެއް ދެއްކުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ" ޓީމުގެ ކުޅުމަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ކޮންސެސާއޯ ބުންޏެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ކޮންސެސާއޯ ވަނީ 1998 އިން 2000 އަށް އަދި 2003 އިން 2004 އަށް ފޯވާޑެއްގެ ގޮތުގައި ލާޒިއޯއަށް ކުޅެފައެވެ. އެ ދުވަސްވަރު އެ ޓީމު ވަނީ އިޓާލިއަން ލީގުގެ އިތުރުން ދެ ފަހަރު އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ.