ކުޅިވަރު

ރަޝްފޯޑް އާއި އަސެންސިއޯ ވިލާގެ ސްޓައިލަށް އެބަ ހޭނޭ: އެމެރީ


އެސްޓަން ވިލާގެ ސްޓައިލަށް މާކަސް ރަޝްފޯޑް އާއި މާކޯ އަސެންސިއޯ ހޭނެމުން އަންނަ ކަމަށާއި، އެ ދެ ތަރިންނަށް ޓީމުން ކުރާ އިތުބާރު މިހާރު ބޮޑުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.

"އެކުޅުންތެރިން އަންނަނީ ޓީމުގެ ވައްޓަފާޅިއަށް ހޭނެމުން" ރިޕޯޓަރުންނާއި ވާހަކަދައްކަމުން އެމެރީ ބުންޏެވެ.

އެމެރީ ބުނީ އެއީ ވަރަށް ހުނަރުވެރި ދެ ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންގެ ކިބައިން ޓީމުގެ އެހެން ކުޅުންތެރިންނަށްވެސް އިތުރު ކަންކަން ދަސްވާނެ ކަމަށެވެ.

އެ ދެ ފޯވަޑުންނަކީ ގޯލާއި ރައްޓެހި ބައެއްކަން ފާހަގަކުރަމުން އެމެރީ ބުނެފަވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް ގޯލު ޖެހުމަށް ފަހިކޮށްދިނުމުގައިވެސް މި ދެކުޅުންތެރިން އަދާކުރާ ދައުރު ބޮޑުކަމަށެވެ. އަދި މިއީ ޓީމަށް އައު ކުޅުންތެރިންތަކެއް ނަމަވެސް ޓީމާއި އެކު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނާތީ އެކަމާ އުފާކުރާކަމަށްވެސް އެމެރީ ބުންޏެވެ.

"އެމީހުންގެ ކިބައިން ފެނޭ ނަފްސަށް ކުރާ އިތުބާރު. ޓީމުގެ ވައްޓަފާޅިއަށް ކުޅޭކަމަށް ވެއްޖިއްޔާ ކޮންމެ ކުޅުންތެރިއެއްގެވެސް އެހީތެރިކަން ބޭނުންވާނެ. މިކަން މިހެންވާ ހިސާބުން ޓީމު ވަރަށް ވަރުގަދަވެގެންދާނެ" ޓީމާއި ގުޅޭގޮތުން އެމެރީ ބުންޏެވެ.

އެމެރީ އިތުރަށް ބުނީ 10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެސްޓަންވިލާއިން އެފްއޭ ކަޕް ގެ ކުއާޓަރއަށް ދަތުރުކޮށްފައިވާތީ މިއީ ވަރަށް އުފާވެރި ދުވަސްކޮޅެއްކަމަށެވެ. ނަމަވެސް މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑް ފަދަ ވަރުގަދަ ޓީމުތައް މުބާރާތުގައި އަދިވެސް ވާދަކުރަމުންދާތީ ޗެމްޕިއަންކަން ހޯދާނެ ޓީމެއް ލަފާކުރަން އަދި ނޭނގޭކަމަށްވެސް އެމެރީ ބުންޏެވެ.

"މި މުބާރާތަކީ ޓްރޮފީއަށާއި، ވެމްބްލޭ އަދި ޔޫރޮޕާ ލީގަށް ހުޅުވިގެންދާ މަގެއް. މިކަން ހާސިލްވެއްޖެނަމަ ކުލަބަށް އެލިބުނީ ވަރަށް ބޮޑު ޝަރަފެއް. އަނެއްކާ އަހަރުމެންގެ ސަޕޯޓަރުން ތިބީ ޓީމަށް ހިތްވަރާއި ފޯރި ދިނުމުގައި ވަރަށް ޖޯޝުގައި" ޓީމާއި ގުޅިފައިވާ އުއްމީދުތަކާއި ގުޅޭގޮތުން އެމެރީ ބުންޏެވެ.

އެސްޓަން ވިލާ ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖާ ދެކޮޅަށެވެ.