އައްޑޫސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ މަސައްކަތްތަކަށް ފަންނީ ލަފާ ދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ އައްޑޫ ސިޓީ ބްރިޖްގެ މަސައްކަތްކުރުމަށް ހަދަންޖެހޭ ސާރވޭ، ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފާރމެއް ހޯދުމަށް އިޢުލާންކޮށްފައިވާކަމަށެވެ. މިގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 24 އާ ހަމައަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
އިއުލާނުގައިވާ ގޮތުން ޝައުގުވެރިކަން ފާޅުކުރާއިރު، އެ މަސައްކަތަށް ކުރިމަތިލާ ކުންފުނީގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔުންތައް ހުށަހަޅަން ޖެހެއެވެ. އެގޮތުން ކުންފުނީގެ ފަންނީ ޤާބިލު ކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހުށަހަޅަން ޖެހެއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތުދޭނެ ކަމަށެވެ.
އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލަން އަޅަން ނިންމާފައިވާ ބުރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މިސްރުގެ ކުންފުންޏެއްކަމަށްވާ "ދި އަރަބް ކޮންޓްރެކްޓަރސް"އާ ހަވާލުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. ހިތަދޫއާއި ހުޅުމީދޫ ގުޅާލާ ބްރިޖަކީ ކޯޒްވޭ ހިމެނޭހެން 14-15 ކިލޯމިޓަރުގެ ބްރިޖެކެވެ. ސަރުކާރުގެ ޢަމާޒަކީ މިދަޢުރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުމެވެ.