ޚަބަރު

ޖެނުއަރީމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 287 މިލިޔަން ރުފިޔާ


  • 144 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވޭ

  • 5.2 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވޭ

  • އެންމެ ގިނައިން މުދާ ގެނައީ އިންޑިޔާއިން

އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 287 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީމަހު އިމްޕޯޓް އެކްސްޕޯޓްއިން އާމްދަނީގެ ގޮތުގައި 287 މިލިޔަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ޖެނުއަރީމަހު 373 މިލިޔަން ރުފިޔާގެ އާމްދަނީއެއް ކަސްޓަމްސްއަށް ލިބިފައިވެއެވެ.

އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު ރާއްޖެއަށް 5.2 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީމަހު އެތެރެކޮށްފައިވަނީ 5.1 ބިލިޔަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ ޖެނުއަރީމަހު 144 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ ޖެނުއަރީމަހު 173 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ 16 އިންސައްތައިގެ ތަފާތެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީމަހު ރާއްޖެއިން އެންމެ ގިނައިން ފައިސާ ޚަރަދުކޮށްފައިވަނީ ތެލުގެ އެކި ބާވަތްތައް އެތެރެކުރުމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހު ތެޔޮ އެތެރެކުރުމަށް 728 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ޖެނުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ޤައުމުތައް:

• އިންޑިޔާ - 1045 މިލިޔަން ރުފިޔާ
• ޗައިނާ - 1043 މިލިޔަން ރުފިޔާ
• ޔޫއޭއީ - 1006 މިލިޔަން ރުފިޔާ
• މެލޭޝިޔާ - 421 މިލިޔަން ރުފިޔާ
• ސިންގަޕޫރު - 332 މިލިޔަން ރުފިޔާ

ޖެނުއަރީމަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ޤައުމުތައް:

• ތައިލެންޑް - 68 މިލިޔަން ރުފިޔާ
• އިނގިރޭސިވިލާތް - 25 މިލިޔަން ރުފިޔާ
• ވިއެޓްނާމް - 15 މިލިޔަން ރުފިޔާ
• ބަންގްލަދޭޝް - 5 މިލިޔަން ރުފިޔާ
• އިންޑިޔާ - 4 މިލިޔަން ރުފިޔާ

މިދިޔަ ޖެނުއަރީމަހު މަސްދަޅު ބޭރުކޮށްގެން 29 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ފިނިކުރި މަސް ބޭރުކޮށްގެން 73 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.