ކުޅިވަރު

ރާއްޖެ މެޗު ބަދަލުކުރަން އިންޑިއާ ފެޑަރޭޝަނުން އަންގާފައެއް ނުވޭ: މެގަލާޔާ


މި މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި އިންޑިއާ ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ޝިލޮންގުގައި ނުކުޅެވޭކަން އިންޑިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން އަންގާފައި ނުވާ ކަމަށް މެގަލާޔާ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

އިންޑިއާގެ އުތުރުގައި އޮންނަ ޝިލޮންގަކީ މެގަލާޔާ ވެރިރަށެވެ. އެތަނުގައި ހަދާފައިވާ ޖަވާހިރްލާލް ނެހުރޫ ސްޓޭޑިއަމަކީ މި މަހުގެ 25 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާ ސްޓޭޑިއަމެވެ. އިންޑިއާއިން މަސައްކަތް ކުރަނީ އެ ސްޓޭޑިއަމުގައި ރާއްޖެއާ ދެކޮޅަށްވެސް ކުޅުމަށެވެ. ނަމަވެސް އެ ސްޓޭޑިއަމުގައި ކުޅެން ރާއްޖެއިން ވަނީ އުޒުރުވެރިވެފައެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 25 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅެން ޝިލޮންގުން ފުރައިގެން ދާން ވަރަށް ދިގު ދަތުރެއް ކުރަންޖެހޭތީއެވެ. އެހެންވެ ރާއްޖެއިން އެދިފައިވަނީ ކުރު މަގަކުން ފަސޭހައިން ފުރައިގެން ދެވޭނެ އިންޑިއާގެ އެހެން ސްޓޭޓެއްގައި މެޗު ކުޅެދިނުމަށެވެ.

އެކަމަށް އިންޑިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން އެއްބާރުލުން ދޭން ބޭނުންވާ ވާހަކަ ދެކެވިފައިވަނިކޮށް، ޝިލޮންގުގައިވާ ދަނޑު ބަލަހައްޓާ މަގަލާޔާ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ރާއްޖެ މެޗަށް ތައްޔާރުވާން އިންޑިއާ ފެޑަރޭޝަނުން އަންގާފައިވާ ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް ހައިރާންވެފައި ތި ވާހަކަ އަޑު އިވުމުން. އޯލް އިންޑިޔާ ފުޓްބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އިން ތިފަދަ ވާހަކަ އެއް ދައްކާފައި ނުވޭ. އެމީހުން މިއަދު އެވަނީ މި ދަނޑުގައި މެޗު ކުޅެން މެޗު ކަމިޝަނަރު ވެސް ހަމަޖެއްސިކަން އަންގާފައި. އަހަރުމެންނަށް އަންގާފައިވަނީ ރާއްޖެ މެޗުގެ ދެ ދުވަސް ކުރިން ޝިލޮންގަށް އަންނާނެ ވާހަކަ. އަހަރުމެންނަށް ރާއްޖޭގެ ޓީމު މިތަނުގައި ބޭތިއްބޭނެ،" މެގަޔާލާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ސަނޭޝް ސިޔަމް ވިދާޅުވިއެވެ.

މެގަޔާލާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ސަނޭޝް ސިޔަމް ވިދާޅުވީ ޝިލޮންގުގައިވާ ނެހުރޫ ސްޓޭޑިއަމަކީ އޭއެފްސީގެ މެޗު ކަމިޝަނަރު މިންދޫ ދޯޖީގެ ތައުރީފު ލިބިފައިވާ ދަނޑެއް ކަމަށެވެ. އަދި އެއީ އިންޑިއާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މަހޭޝް ގަވާލީ، އެ ގައުމުގެ އެންމެ ރަނގަޅު އެއް ދަނޑަކީ އެއީ ކަމަށް ބުނެފައިވާ ދަނޑު ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން ރާއްޖެ އާއި ބަނގަލްދޭޝްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ދަނޑުގެ އަޑިގުޑަން ހިސާބުތަކުގައި ފަސްގަނޑު ޖަހައި އެއްވަރުކޮށް، ބައިނަލްއަގުވާމީ ފެންވަރަށް ދަނޑުގެ އިންތިޒާމުތައް މުޅިން ފުރިހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ޝިލޮންގުގައި މެޗު ކުޅެން އިންޑިއާގެ ފެޑެރޭޝަނުން ނިންމީ އެތަނުގައި މީގެ ކުރިން ރަނގަޅު މުބާރާތްތަކާއި، މެޗުތަކެއް އިންތިޒާމުކޮށްފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ އާއި ބަނގްލަދޭޝް މެޗު އެ ދަނޑުގައި ކުޅެވުމަކީ މަގަލާޔާ އާއި ޝިލޮންގުގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު އިތުރު ބާރަކަށްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.