ކުޅިވަރު

ބިލީ ޖީން ކިންގް ކަޕުގެ ޕްރީ ކޮލިފިކޭޝަން: ޕެސިފިކް އޯޝޭނިއާ އަތުން ރާއްޖެ މޮޅުވެއްޖެ


ޖޫނިއަރ ބިލީ ޖީން ކިންގް ކަޕް 2025 ގެ އޭޝިއާ/އޯޝޭނިއާ ޕްރީ ކޮލިފިކޭޝަންގައި ޕެސިފިކް އޯޝޭނިއާ އަތުން 3-0 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވެއްޖެއެވެ.

އިއްޔެ ކުޅުނު ފުރަތަ މެޗުގައި ބައްދަލުކުރީ ރާއްޖޭގެ މަންހާ މުޙައްމަދު އަލީ އާއި ޕެސިފިކް އޯޝޭނިއާގެ ރޮންގޯ ރައެޓިއާއެވެ. މި މެޗު މަންހާ ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. އެގޮތުން މަންހާ ސެޓުތައް ގެންގޮސްފައިވަނީ 7-5 އަދި 6-3 އިންނެވެ.

އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ ނަބާ ނިޝާން އާއި ހަކީނާ ކޮލިޓާއެވެ. މި މެޗު ނަބާ ކާމިޔާބުކޮށްފައިވަނީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 6-4 އިން ޕެސިފިކް އޯޝޭނިއާގެ ހަކީނާ ކާމިޔާބުކުރި ނަމަވެސް، ނަބާ ވަނީ އަނެއް ދެ ސެޓު 6-2 އަދި 6-3 އިން ގެންގޮސްފައެވެ.

މީގެ އިތުރުން އިއްޔެގެ ތިންވަނަ މެޗުގައި ރާއްޖޭގެ އައިޝަތު ކަރިން ސައިޒަން އާއި މަންހާގެ ޕެއާ ނުކުތީ ޕެސިފިކް އޯޝޭނިއާގެ ރޮންގޯ ރައެޓިއާ އާއި ޓީޕާ އަލަލިލޯގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ޕެއާއިން ކާމިޔާބުކޮށްފައިވަނީ 2-1 ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު 7-6 އިން ޕެސިފިކް އޯޝޭނިއާގެ ޕެއާއިން ކާމިޔާބުކުރި ނަމަވެސް، ރާއްޖޭގެ ޕެއާއިން ވަނީ އަނެއް ދެ ސެޓު 7-6 އަދި 10-6 އިން ގެންގޮސްފައެވެ.

ޖޫނިއަރ ބިލީ ޖީން ކިންގް ކަޕް 2025 ގެ އޭޝިއާ/އޯޝޭނިއާ ޕްރީ ކޮލިފިކޭޝަން ކުރިއަށްދާނީ މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގެ ކުޗިންގައެވެ.