ޤާނޫނާއި ޤަވާއިދުގެ ތެރެއިން ގައިދީންނަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންނަށް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށާއި އެ ފަރާތްތަކާއި ޢާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާ ކަމަށެވެ. އަދި ގައިދީން ރިހެބިލިޓޭޓްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކިޔަވައިދޭ ތަކެއްޗާއި ނަގައިދޭ ފިލާވަޅުތަކާއެކު، އާއިލާއިން ގައިދީންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިންމު ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ 65 އިންސައްތައަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި ބައެއް ކަމަށް ކޮމިޝަނަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ތަކުރާރުކޮށް ކުށްކުރާ މައްސަލަވެސް ހައްލުކޮށް ވަށާޖެހޭ ގޮތެއްގައި ކަންކަ ބައްޓަންކުރުން ކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އާއިލާތަކަށް ބޭއްވި ހަރަކާތަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ޖަލުން އިސްނަގައިގެން ހިންގި ހަރަކާތެކެވެ. މި ހަރަކާތުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު ހަރަކާތްތައް މުސްތަޤްބަލުގައި ހިންގުމަށް ކަރެކްޝަނަލް ސަރވިސުންވަނީ ރާވާފައެވެ.
ޤައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ.