ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ސާފް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބަންގްލަދޭޝްގެ އަންވަރުލް ހައްގު ހިލާލް އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ.
"އަހަރެން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްތިއުފާ ދީފިން. އަދި އަހަރެން މި މަހުގެ (މާޗު މަހުގެ) ނިޔަލަށް (މަގާމުގައި) މަސައްކަތް ކޮށްދޭނަން،" ހިލާލް ވިދާޅުވި އެވެ.
އޭނާ އިސްތިއުފާއާ ބެހޭ ގޮތުން ސާފުގެ ރައީސް ބަންގްލަދޭޝްގެ ގާޒީ ސަލާހުއްދީން ވެސް ވާހަކަ ދައްކަވާކަށް ބޭނުންފުޅެއްނުވި އެވެ. ވިދާޅުވީ ވަކި މީހަކު ނެތިގެން ސާފުގެ މުބާރާތްތައް ހުއްޓި ނޯންނާނެ ކަމަށެވެ.
"ކަނޑައެޅިފައިވާ ގޮތަށް ސާފުގެ ހުރިހާ މުބާރާތެއް ވެސް ކުރިއަށް ދާނެ. ވަކި މީހަކަށްޓަކައި ނުވަތަ ވަކި މީހަކު ނެތިގެން އެއްވެސް މުބާރާތެއް ނުކުޅެ ނޯންނާނެ،" ސަލާހުއްދީން ވިދާޅުވި އެވެ.
ހިލާލް އިސްތިއުފާ ދެއްވީ އޭނާގެ އެއްބަސްވުން އައުކުރިތާ ދެ މަސް ފަހުންނެވެ. ބަންގަލްދޭޝްގެ މީޑިއާތަކުން ބުނާ ގޮތުގައި ހިލާލް އިސްތިއުފާ ދެއްވީ ސާފުގެ ހަކަރާތްތަކަށް ހާއްސަ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ބަހައްޓަން ފީފާއިން ވެސް ލަފާދިނުމާ ގުޅިގެންނެވެ. މިއީ ސާފުގެ ހިންގުން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެ އެވެ.
ސާފުގެ މުބާރާތްތަކުގެ ތެރެއިން އެންމެ ހާއްސަ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް މި ފަހަރު ބާއްވަން ހަމަޖައްސާފައިވަނީ ސާކުގެ ހަތް ގައުމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުންނެވެ.