ޚަބަރު

އާއްމުންގެ ތެރެއިން ޕޮލިސް ބޯޑަށް ކުރިމަތިލި ފަރާތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި


  • ޕޮލިސް ބޯޑު އެކުލެވިފައިވަނީ 7 މެންބަރުންގެ މައްޗަށް

  • އާއްމުންގެ ފަރާތުން ދެ މެންބަރުން ޕޮލިސް ބޯޑަށް އައްޔަން ކުރާނެ

އާއްމުންގެ ތެރެއިން ޕޮލިސް ބޯޑަށް ކުރިމަތިލި ފަރާތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުން ތިއްބަވައެވެ. މި ދެ ބޭފުޅުން އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އެ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ދެ މެންބަރުން ކަނޑައަޅުއްވަން ޖެހެއެވެ. އެ މަގާމުތަކަށް އައްޔަން ކުރައްވާ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެެވެ.

ޕޮލިސް ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލީ އެ މަގާމުގައި މިހާރު ތިއްބެވި ދެ މެންބަރުންގެ ދައުރު ހަމަވާތީއެވެ. އެ ބޯޑުގައި އާންމުގެ ފަރާތުން މިހާރު ތިއްބަވަނީ ހ. ޝޭޑީކޯނަރ، ޙާމިދު ޢަބްދުލްޣަފޫރާއި، ސ.ހުޅުދޫ ދެތަނޑިމާގެ އަލްއުސްތާޛާ ޞަފާ ޝަރީފެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ވަނީ އެ މަގާމުތަކަށް ކުރިމަތިލައްވާފައެވެ.

ޕޮލިސް ބޯޑަށް ކުރިމަތިލާފައިވާ ފަރާތްތައް:

* މއ. ލޫޕިން، އަޙްމަދު މިޒްމާދު
* ގއ. ކޮނޑޭ، ފަހެލާ/ އަހުމަދު މުއާވިޔަތު ޤާސިމް
* ގދ. މަޑަވެލި، ދޭލިޔާގެ/ ނިޞްބާޙް ޙަސަން
* ދަފްތަރު ނަންބަރު ރސ 6613، މުޙައްމަދު ޞާދިގު

މަޖިލީހުން ވަނީ މި ހަތަރު ބޭފުޅުންނާ ގުޅޭގޮތުން އާއްމުންގެ އެއްވެސް ޝަކުވާއެއްވާނަމަ އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، މި މަހުގެ 10ވަނަ ދުވަހުގެ 11:00 އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް އީމެއިލްގެ ޒަރީއާއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕޮލިސް ބޯޑަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ބޯޑެކެވެ. އެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާއްމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުންނެވެ.