ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ރެއާލް މެޑްރިޑް އިންނެވެ. އެ ޓީމުން ޖުމްލަ 13 ހަމަލައެއް އުފައްދާފައިވާއިރު އޭގެ ތެރެއިން 7 ހަމަލާ ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.
މެޑްރިޑްގެ ވާދަވެރި ދެ ކްލަބުގެ މެދުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ރޮޑްރިގޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އެތްލެޓިކޯ އިން ވަނީ އަލުން އެ ޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ 32 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިފައިވަނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ.
ލަލީގާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލްވަރޭޒް މި ލަނޑު ޖަހާފައިވަނީ އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ކަމަވިންގާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެއަށް ފޮނުވާލައިގެންނެވެ. މިއީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު 9 މެޗުގައި ޖެހި ހަތްވަނަ ލަނޑެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރާހިމް ޑިއާޒް އެވެ. މި މެޗުގައި ޑިއާޒް އަށް ކުޅެން ފުރުސަތު ލިބިފައިވަނީ މި މުބާރާތުގައި ތިން ރީނދޫ ކާޑު ހަމަވެގެން ޔޫއެފާއިން ސަސްޕެންޑް ކޮށްފައިވާ ޖޫޑް ބެލިންހަމްގެ ބަދަލުގަ އެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމުގައި އަންނަ ބުދަ ދުވަހު މެޑްރިޑްގެ ރިޔާދު އެއާރ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅޭ މެޗުގައި ބެލިންހަމް އަށް ކުޅެވޭނެ އެވެ.