ކޮރަަޕްޝަންގެ މައްސަލަތަކެއް ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު އިސްތިއުފާދެއްވައިފިއެވެ.
ސުޢޫދު އިސްތިއުފާ ދެއްވާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެ ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ސ.މީދޫ ހަސަންކާރިގެ، އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން މި މަހުގެ ހަތަރުވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން ސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށެވެ.
ސުޕްރީމް ކޯޓުުގެ ފަނޑިޔާރުކަމުން ސުޢޫދު އިސްތިއުފާދެއްވާފައިމިވަނީ، ސުޢޫދު ހިމެނިވަޑައިގަންނަވާހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ޖިނާއީ ތަޙްޤީޤެއް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ކުރަމުން ގެންދަވަނިކޮށެވެ. އެކަން އޭސީސީން ވަނީ ޖޭއެސްސީއަށްވެސް އަންގަވާފައެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ޖޭއެސްސީގެ ރައީސަށެވެ. ނަމަވެސް ޖޭއެސްސީއަށް ސިޓީ ފޮނުއްވުމުގެކުރިން ސުއޫދު އިސްތިއުފާގެ ސިޓީ ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެސިޓިގައިވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާހާއި، އެކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާކަން ބަޔާންކުރައްވާފައެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިޤާލީ ސުޕްރީމް ކޯޓުގައި ތިއްބެވީ 5 ފަނޑިޔާރުންނެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2014ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދު ކުރިއެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ދުވަސްވަރު 2019ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރުކުރިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއް ސުޢޫދު އައްޔަންކުރައްވާފައިވަނީ 8 ޑިސެމްބަރު 2019 ވަނަ އަހަރުއެވެ. އެ މަޤާމަށް ސުޢޫދު ޢައްޔަންކުރެއްވީ ކުރީ ސަރުކާރުގައި އުފެއްދެވި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނަވަނިކޮށެވެ.